ޚަބަރު

ކޮވިޑް 19: ޗައިނާ އިން ހަދިިޔާކުރި އެހީގެ ފުރަތަމަ ޝިޕްމަންޓް ސަރުކާރާ ހަވާލުކޮށްފި

އަލީ ޔާމިން

ކޮވިޑް 19 އާ ގުޅިގެން، ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރި ފުރަތަމަ ޝިޕްމަންޓާ ރާއްޖެއިން ހަވާލުވެއްޖެއެވެ.

ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދިން އެހީގެ ޝިޕްމަންޓާ ހަވާލުވުމަށް މިއަދު ފޮރިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާން ލިޒޯން ވިދާޅުވީ، ރާއްޖެއަށް ހަދިޔާކުރި އެހީގެ ޝިޕްމެންޓްގައި ރާއްޖެއިން ބޭނުންވެގެން އެދުނު ބައެއް ތަކެތި ހިމެނޭނެ ކަމަށެވެ. އަދި ބާކީ ހުރި ތަކެތި ރާއްޖެ ގެނެވޭނެ ގޮތެއް ބަލަމުން އަންނަ ކަމަށް ސަފީރު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ޗައިނާގެ އެހީތެރިކަން ދިވެހިން ބަލައިގަންނަ ކަމަށާއި ކޮވިޑް 19އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ޗައިނާގެ ފުރިހަމަ އެހީތެރިކަން ލިބޭ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19އިން އަރައިގަނެވޭނީ ހުރިހާ ގައުމަކުން އެކުގައި މަސައްކަތްކޮށްގެން ކަމަށާއި، އެއްވެސް ގައުމަކަށް އެހެން ގައުމުތަކުގެ އެހީއާ ނުލައި އެ ބަލިމަޑުކަމުން އަރައިނުގަނެވޭނެ ކަމަށެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ބަލަން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެއަށް ގެނެވޭނެ ހުރިހާ ގޮތެއް. ނަމަވެސް ގިނަ ގައުމުތައް ލޮކްޑައުންކޮށްފައި އޮތީމަ ހުއްދައެއް ނުދޭ ޓްރާންސިޓް ފްލައިޓެއްވެސް ޖައްސާކަށް،" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އެކިއެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ގޮސްފައިވާ ފަރާތްތަކަކަށް ފޮރިން މިނިސްޓްރީއާއި އެންސްޕާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމެއް ކަމުން ދުނިޔެއާ ގުޅުން ކަނޑާލައިގެން ރާއްޖެއަށް ނޫޅެވޭނެ ކަމަށާއި ގައުމުތައް ލޮކްޑައުންކުރި ނަމަވެސް ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި ލިބުމުގައި ދަތި ނުވާނެ ކަމުގައި މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ފުރަތަމަ އެހީގެ ޝިޕްމަންޓްގައި ހިމެނެނީ:

  • ސްޓެރައިލް ރަބާ ސާޖިޖަލް ގްލަވްސް (އެއްފަހަރު ބޭނުންކުރެވޭ): 10،000
  • ޕްރޮޓެކްޓިވް ގޮގްލްސް: 200
  • މެޑިކަލް ޕްރޮޓެކްޓިވް މާސްކް: 10،080
  • ސާޖިކަލް މާސްކް: 30،000
  • ޕްރޮޓެކްޓިވް ކްލޯތިން: 500
  • ސްޓެތަސްކޯޕް: 500

ޗައިނާ އިން ފެތުރެން ފެށި ކޮރޯނާވައިރަސް އެ ގައުމުގައި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައެވެ. އޭގެ ފަހުން ބަލިފެތުރެމުންދާ އެހެން ގައުމުތަކަށް ޗައިނާއިން އަންނަނީ އެހީ ފޯރުކޮށްދެމުންނެވެ. މި ވައިރަހާ ގުޅިގެން އިންޑިއާއިންވެސް ވަނީ ރާއްޖެއަށް ބޭނުންވާ ބައެއް ބޭސްތައް ފޮރުކޮށްދީފައެވެ.

ކޮވިޑް 19 އަށް ޕޮސިޓިވް ވެފައިވާ 14 މީހަކު ރާއްޖެއިން ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި 13 ބިދޭސީންނެވެ. އޭގެ ތެރެއިން ނުވަ މީހަކު ވަނީ ފަރުވާދީގެން ރަނގަޅުކުރެވިފައެވެ.