ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖޭގެ މާލީ ހާލަތު ހަފުތާއަކު އެއްފަހަރު އާންމުކުރާނަން: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގެ މާލީ ހާލަތު އޮތްގޮތް ހަފުތާއަކު އެއް ފަހަރު އާންމު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މާލެ އަތޮޅު ދިއްފުށީގައި އަމިއްލަ ފަރާތަކުން ގާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކަންކަން ކުރައްވާނީ ވީހާވެސް ބޮޑަށް ދެފުށް ފެންނަ ގޮތަށް ކަމަށެވެ.

އެގޮތުން ރާއްޖޭގެ މާލީ ހާލަތު އޮތްގޮތް އަންނަ ހަފްތާއިން ފެށިގެން ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއް ފަހަރު ރައްޔިތުންނަށް ހާމަކުރަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ ފަޅުތަކާއި ރަށްތަކުގެ ތެރެއިން ވިއްކާލާފައި ވަނީ ކިތައް ފަޅުކަން ނުވަތަ ކިތައް ރަށްކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި އެކަން އޮތީ އޮޅުމެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް ހުސްވި ހަފުތާގައި އެކަމާ ބެހޭ ތަފްސީލު ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ކަމަށާއި، މިސަރުކާރު ވެގެންދާނީ ރައްޔިތުންނާއި ގާތުން އަދި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރާ ސަރުކާރަކަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

''ރާއްޖޭގެ މާލީ ހާލަތު އޮތްގޮތް ކުރިއަށް އޮތް ހަފުތާއިން ފެށިގެން ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އެއް ފަހަރު ރައްޔިތުންނަށް ހާމަކުރަމުންގެންދާނެ. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ފަޅުތަކާއި ރަށްތަކުގެ ތެރެއިން ކުއްޔަށް ދެވި އަދި ވިއްކާލާފައި އޮތީ ކިތައް ރަށްކަމެއް އަދި ކިތައް ފަޅު ކަމެއް އޮތީ ނޭނގުމެއްގެ ތެރޭގައި. ނަމަވެސް ހުސްވި ހަފުތާތެރޭގައި ޓޫރިޒަމް މިނިސްޓްރީން ވަނީ އޭގެ ތަފްސީލުތައް ރައްޔިތުންނަށް ހާމަކޮށްފައި.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން ކަންކަން ކުރައްވާނީ ރައްޔިތުންނާ ގާތުން ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި ސަރުކާރުގެ އިދާރާތަކާއި އެތަންތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައިފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ދިއްފުށީގައި މިއަދު ޚިދުމަތް ދޭންފެށި ފެނާއި ނަރުދަމާގެ މަސައްކަތްކޮށްފައި ވަނީ އަމިއްލަ ފަރާތަކުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ރަށުގެ ތަރައްގީއަށް މަސައްކަތްކުރާ އަމިއްލަ ފަރާތްތަކަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށެވެ.

61 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދިއްފުށީގައި ފެނާއި ނަރުދަމާ ގާއިމްކޮށްފައި ވަނީ އަލިފުޅު ތުއްތު ފައުންޑޭޝަނުންނެވެ.