ކޮވިޑް 19 ޖެހިފައިވާ މީހަކު ނުފެނި ގިނަދުވަސް ވިިޔަސް އެކަން ލުއިކޮށް ނުނެގުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިލްތިމާސްކުރައްވައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ދިވެހި ސަރުކާރުން އަޅަމުން އަންނަ ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖެ ކޮވިޑް 19ގެ ބަލިމަޑުކަމުން ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ކަނޑާނުލައްވާ ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، ކޮވިޑް 19 ޖެހިފައިވާ މީހަކު ރާއްޖެއިން ނުފެނި ގިނަ ދުވަސްވިޔަސް އެއީ އެކަން ލުއިކޮށް ނަގައި ކޮވިޑް 19ގެ ނުރައްކަލުން ރާއްޖެ ސަމާލަތްވީކަމަށް ނިންމަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިކަން ލުއިކޮށް ނުނަގާށޭ. އަދި ޕޮޒިޓިވް މީހެއް ނުފެނި މުއްދަތެއް ދިޔަކަމުގައިވިޔަސް އެހިސާބުން އަޅުގަނޑުމެން އެއްްކޮށް ނިމުނީކަމަކަށް ބަލައިގެން ނުވާނެ. ހާއްސަކޮށް ކަރަންޓީންގައި އައިސޮލޭޝަންގައި ތިބޭ ފަރާތްތަކުން އަންގާފައިވާ އުސޫލުތަކަށް އަމަލު ކުރުމަކީ މުހިންމު ކަމެއް." މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ސަރުކާރުން އަޅައިފައިވާ ހުރިހާ ފިޔަވަޅުތަކަކީވެސް ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީން އެބަލިން ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ކަމަށެވެ. އަދި ކޮވިޑް 19ގެ ނުރައްކާ ރާއްޖެއިން ފިލައިގެން ނުދާކަން ހަނދާނުގައި ބަހަށްޓަން ޖެހޭ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
"ރާއްޖޭގައި މިހާރު އަޅައިފައިމިވާ މުހިންމު ފިޔަވަޅުތައް އަޅާފައިމިވަނީ އަޅުގަނޑުމެންގެ މުޅި އާބާދީ މިކަމުން ސަލާމަތްކުރުމަށްޓަކައި. އެހެންކަމުން މާލޭގެވެސް މާލޭ ސަރަހައްދުގެވެސް އަދި އަތޮޅު ތެރޭގައިވެސް މިވަގުތު އަޅާފައި މިހުރި ފިޔަވަޅުތަކަށް ތަބާވެ އެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ތަކުރާރުކޮށް ދަންނަވަމުން މިގެންދަވަނީ،" މިނިސްޓަރު އަމީން ވިދާޅިވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ 14 ދުވަސްވަންދެން ގޭގައި ތިބުމަކީ އުނދަގޫކަމެއް ކަމަށާއި ނަމަވެސް ގައުމުގެ ސަމާލަތާއި ރައްކާތެރިކަމަށް އެކަންވެސް ކުރަން ޖެހޭ ކަމަށެވެ. އަދި ހާލަތާ ގުޅޭގޮތުން އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ ރާއްޖެ އަންނަ އެންމެން ކަރަންޓީން ކުރަން ނިންމި ނިންމުން ކަމަށެވެ.
ކަރަންޓީނުގައި ހުރުމަށްފަހު ރާއްޖެއިން ފުރައިގެންދިޔަ އިޓަލީގެ ދެ ފަތުރުވެރިޔަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާކަން ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އެއާއެކު އިނގިރޭސިވިލާތުން މިމަހުގެ 22 ވަނަ ދުވަހު ރާއްޖެ އައި 38 އަހަރުގެ ފިރިހެނެއް ވެސް މިއަދު ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.
މިއަދު ޕޮޒިޓިވްވި ދިވެހި މީހާއަކީ ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި ފުރަތަމަ ދިވެއްސެވެ. މީގެ ކުރިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ހުރި ދިވެއްސަކު ވެސް ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް އެކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. މިއަދު ޕޮޒިޓިވްވި ދިވެހި މީހާއާއެކު މިވަގުތު ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާދެމުން އަންނަނީ ޖުމްލަ ފަސް މީހަކަށެވެ. އަދި މިހާތަނަށް ނުވަ މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.