ޚަބަރު

ކަރަންޓީނުގައި ހުރުމަށްފަހު ރާއްޖެއިން ފުރައިގެންދިޔަ އިޓަލީގެ ދެ ފަތުރުވެރިޔަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެ

1

ކަރަންޓީނުގައި ހުރުމަށްފަހު ރާއްޖެއިން ފުރައިގެންދިޔަ އިޓަލީގެ ދެ ފަތުރުވެރިޔަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ހައި ރިސްކު މީހުން ފުރައިގެން ދިއުމުގެ ކުރިން ނެގި ސާމްޕަލްތަކުގެ ތެރެއިން ދެ މީހެއްގެ ސާމްޕަލްއެއް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ދެ މީހުންނަކީ ކަރަންޓީނުގެ 14 ދުވަސް ނިންމާފައި ފުރައިގެންދިޔަ ދެ މީހުން ކަމަށެވެ. އެ ދެމީހުންނަކީ ކުރިންވެސް ޕޮޒިޓިވްވި ދެ މީހުން ފެނުނު އައިލެންޑް ސަފާރީގައި ތިބި ދެ މީހުންނެވެ.

"ރާއްޖޭގައި އައިސޮލޭޝަނާއި ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން 14 ދުވަހުގެ ކަރަންޓީނު ނިންމާފައި ފުރައިގެންދިޔަ އިޓަލީގެ ދެ މީހަކު ޕޮޒިޓިވްވިކަން އަޅުގަނޑުމެންނަށް މިއަދު ފާހަގަކުރެވޭ. އަޅުގަނޑުމެން ކަރަންޓީނު ނިންމާފައި ހައި ރިސްކު މީހުން ފުރައިގެން ދިއުމުގެ ކުރިން ވެސް އަޅުގަނޑުމެންގެ ރިސާޗަށް ސާމްޕަލް ނަގަން. އެގޮތުން ނެގި ސާމްޕަލްގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވިކަން މިއަދު އަޅުގަނޑުމެން ފާހަގަކުރަން. އެ ދެ މީހުން އިޓަލީއަށް ދަތުރުކުރަމުންދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސަކު ވެސް ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހާ މިވަގުތު ހުރީ ހޮލިޑޭ އައިލެންޑް ރިސޯޓުގެ ކަރަންޓީނު ފެސިލިޓީގައި ކަމަށެވެ. އަދި އެމީހާ ޕޮޒިޓިވްވިކަން ކަށަވަރުވީ މައިލްޑް ސިޕްޓަމްސް ހުރެގެން ސާމްޕަލް ނަގައި ހެދި ޓެސްޓުތަކުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވްވި ދިވެހި މީހާއަކީ ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި ފުރަތަމަ ދިވެއްސެވެ. މީގެ ކުރިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ހުރި ދިވެއްސަކު ވެސް ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވި ދިވެހި މީހާއާއެކު މިވަގުތު ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާދެމުން އަންނަނީ ޖުމްލަ ފަސް މީހަކަށެވެ. އަދި މިހާތަނަށް ނުވަ މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟