ޚަބަރު

ރާއްޖޭގައި ހުރި ދިވެއްސަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެ

އަލީ ޔާމިން

ރާއްޖޭގައި ހުރި ދިވެއްސަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 38 އަހަރުގެ މީހެއް ކަމަށެވެ. އަދި އެމީހަކީ އިނގިރޭސިވިލާތުން ރާއްޖެ އައި މީހެއް ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

"މިއަދު ފުރަތަމަ ފަހަރަށް ދިވެއްސަކު ޕޮޒިޓިވްވިކަން އަޅުގަނޑު ފާހަގަކުރަން. އެއީ އިނގިރޭސިވިލާތުން މިމަހުގެ 22 ވަނަ ދުވަހު ދިވެހިރާއްޖެއަށް ދަތުރުކުރި 38 އަހަރުގެ ދިވެއްސެއް." މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ދިވެހި މީހާ ރާއްޖެ އައުމާއެކު ކަރަންޓީނަށް ގެންގޮސްފައިވާ ކަމަށާއި އެ މީހާގެ ކިބައިން ކޮވިޑް 19ގެ އަލާމާތްތައް ފެނިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

"އޭނާ އެ ދުވަހުން ފެށިގެން ކަަރަންޓީން ކުރެވިފައިވަނީ. އޭނާ ކަރަންޓީން ކުރެވުނީ 22 ވަނަ ދުވަހު. އަދި އޭނާގެ ގައިން އަލާމާތްތައް ފެނުނީ 25 ވަނަ ދުވަހު. އަދި އިއްޔެ ސާމްޕަލް ނެގުމަށް ފަހު މިއަދު އޭނާ ޕޮޒިޓިވްވިކަން ފާހަގަކުރެވުނީ،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، އޭނާ ކަރަންޓީން ފެސިލިޓީއާ ހަމައަށް ގެންދެވުނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށާއި އެހެން ނަމަވެސް އެމީހާ ކޮވިޑް 19އަށް ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވި އެމީހާ އެ މުއްދަތުގައި އެކަހެރިކޮށްފައި ހުރީ ވަކިން ކޮޓަރިއެއްގައި ކަމަށާއި އެހެންކަމުން އެހެން ބަޔަކާ އެމީހަކާ ކޮންޓެކްޓްވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.

މިއަދު ކޮވިޑް 19އަށް ޕޮޒިޓިވްވި މީހާ ހިމެނޭހެން ރާއްޖެއިން މިހާތަނަށް ވަނީ 14 މީހަކަށް އެބަލި ޖެހިފައެވެ. އޭގެ ތެރެއިން ނުވަ މީހަކު ވަނީ ފަރުވާދީ ރަނގަޅުކުރެވިފައެވެ.