ޚަބަރު

އެކި ދުވަސްމަތިން އަލިދޫ ރިސޯޓަށް އަރައި ވައްކަން ކުރި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި

އއ. އަލިދޫ ރިސޯޓަށް އެކި ދުވަސްމަތިން އަރައި އެ ރިސޯޓުން ވައްކަން ކުރި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އަލިދޫ ރިސޯޓަށް އެކި ދުވަސްމަތިން އަރައި އެ ރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ ކަމުގެ މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހއ. އުތީމުގެ ބައެއް ގެތައް (ޖުމްލަ ނުވަ ގައެއް) ބަލައި ފާސްކުރުމަށްފަހު ގިނަ އަދަދެއްގެ ތަކެތި ހޯދައި ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކާއި 33 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނެއް އަދި 35 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ގެންދިއުމުން ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުން ދިހަ ދުވަސް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.