ޝަހީދާ އަބްދުﷲ ސައީދު
ވެރިކަމުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ނުދެވި ހުރި ހުރިހާ ރަށެއްގައި އެނިޒާމު ގާއިމްކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މާލެ އަތޮޅު ދިއްފުށީގައި އަމިއްލަ ފަރާތަކުން ގާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި، އެކަން ކުރައްވާނެ ކަމަށެވެ.
އެގޮތުން ވެރިކަމުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ފައްޓަވަނާނެ ކަމަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ހުރިހާ ރަށަކަށް ސާފު ބޯފެނާއި، ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް ލިބިގެންދާނެ ކަމަށެެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ސަރުކާރާއި ހަވާލުވެވަޑައިގެންނެވި އިރު، ފެނުގެ ހިދުމަތް ގާއިމްކޮށްފައި ވަނީ 34 ރަށުގައި ކަމަށާއި އަދި ނަރުދަމާގެ ނިޒާމު ފުރިހަމަކޮށްފައި ވަނީ 66 ރަށެއްގައި ކަމަށެވެ.
ދިއްފުށީގައި މިއަދު ޚިދުމަތް ދޭންފެށި ފެނާއި ނަރުދަމާގެ މަސައްކަތްކޮށްފައި ވަނީ އަމިއްލަ ފަރާތަކުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ރަށުގެ ތަރައްގީއަށް މަސައްކަތްކުރާ އަމިއްލަ ފަރާތްތަކަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށެވެ.
61 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދިއްފުށީގައި ފެނާއި ނަރުދަމާ ގާއިމްކޮށްފައިވަނީ އަލިފުޅު ތުއްތު ފައުންޑޭޝަނުންނެވެ.