ޚަބަރު

ރިސޯޓުން ފޭބުމަށް މެޑިކަލް ލިޔުން ނުދީފިނަމަ، އަމިއްލަ ނަފުސަށް ގެއްލުން ދޭނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ރިސޯޓުން ފޭބުމަށް މެޑިކަލް ލިޔުން ނުދީފިނަމަ، އަމިއްލަ ނަފުސަށް ގެއްލުން ދޭނެ ކަމަށް ބުނި ސިނަމަން ވެލިފުށި ރިސޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ ހިލާފަށް އިއްޔެގެ ވަގުތެއްގައި ސިނަމަން ވެލިފުށި ރިސޯޓުގެ މުވައްޒަފަކު އެ ރިސޯޓުން ފޭބުމަށްޓަކައި މެޑިކަލް ލިޔުމެއް ނުދީފިނަމަ، އަމިއްލަ ނަފުސަށް ގެއްލުން ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

އެ މުވައްޒަފަށް ކަމެއް ދިމާވުމުގެ ކުރިން ފުލުހުން ކޯޓު އަމުރެއްގެ ދަށުން އިއްޔެ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ކޮވިޑް 19އާ ގުޅިގެން ރިސޯޓުތަކަށް މީހުން ދިއުމާއި ރިސޯޓުތަކުން އެހެން ރަށްރަށަށް ދިއުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ރާއްޖެއަށް ފަތުރުވެރިން އައުން މަނާކުރުމާ ގުޅިގެން އެ ރިސޯޓަކުން އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން ރިސޯޓުން ފޭބުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމައިފައެވެ.