ޚަބަރު

ކޮވިޑް 19 : އަމިއްލަ މަސައްކަތްކުރާ ފަރުދުންނަށް ވެސް އެސްޑީއެފްސީން ދޫކުރާ ލޯނަށް ކުރިމަތިލެވޭނެ: ފައްޔާޒް

އަމިއްލަ މަސައްކަތްކުރާ ފަރުދުންނަށް ވެސް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ އެސްއެމްއީ ލޯނަށް ކުރިމަތިލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ރިޕޯޓު ހުށަހެޅޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓާ ޕޯޓަލަށް ވަރަށް އަވަހަށް ބަދަލު ގެންނާނެ ކަމަށެވެ. އަދި އެސްޑީއެފްސީން ވީހާވެސް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަމިއްލަ މަސައްކަތްކުރާ ފަރުދުންނަށް ވެސް އެސްޑީއެފްސީން ދޫކުރާ އެސްއެމްއީ ލޯނަށް ކުރިމަތިލެވޭނެ. އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ރިޕޯޓު ހުށަހެޅޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓާ ޕޯޓަލަށް ވަރަށް އަވަހަށް ބަދަލު ގެންނާނަން،" މިނިސްޓަރު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ވެސް ދަނީ ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ. ކޮވިޑް 19އާ ގުޅިގެން އިގުތިސާދީ ގެއްލުން ލިބޭ ވިޔަފާރިތަކަށް އެހީތެރިވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.