ޚަބަރު

ކޮވިޑް 19 : އެލައިޑްގެ އޮފީސްތައް އިތުރު އެއް ހަފުތާއަށް ބަންދު، ނަމަވެސް އޮންލައިންކޮށް ހިދުމަތް ލިބޭނެ

ކޮވިޑް 19އާ ގުޅިގެން އެލައިޑް އިންޝުއަރެންސްގެ އޮފީސްތައް އިތުރު އެއް ހަފުތާއަށް ބަންދުކޮށްފިއެވެ.

އެލައިޑުން ބުނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ އޮފީސްތައް ބަންދުވާނެ ކަމަށާއި ނަމަވެސް ގޭގައި ތިބެ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 2:00އަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އޮންލައިކޮށް ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

"29 މާޗް 2020 ވާ އާދީއްތަ ދުވަހުން ފެށިގެން 2 އޭޕްރީލް 2020ގެ ނިޔަލަށް މި ކުންފުނީގެ އޮފީސްތައް ބަންދުވާނެ. އަޅުގަނޑުމެން މިދަނީ ގޭގައި ތިބެ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 2:00އަށް މަސައްކަތްކުރަމުންނެވެ. އަދި އަޅުގަނޑުމެންގެ ހިދުމަތްތައް އޮންލައިންކޮށް މޯބައިލް އެޕް، myallied.mv އަދި އީމެއިލް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ..،" އެލައިޑުން ކުރި އިއުލާނެއްގައި ބުންޏެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އިތުރު އެއް ހަފުތާއަށް ސަރުކާރު ބަންދުކުރަން ވެސް ވަނީ ނިންމައިފައެވެ. އަދި މިއަދުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ.