ޚަބަރު

ބޭންކު ލޯނުތަކުން އެންމެންނަށް ވެސް ލުއި ލިބެންޖެހޭ، ގޭގޭގެ ކުލި ވެސް ބޮޑުތަނުން ލުއިވާން ޖެހޭ: އަލީ ހުސައިން

ކޮވިޑް 19އާ ގުޅިގެން ބޭންކު ލޯނުތައް ދެއްކުމަށް ލިބޭނެ ކަމަށް ބުނާ ލުއިތައް އެންމެންނަށް ވެސް ލިބެން ޖެހޭ ކަމަށާއި ކުއްޔަށް އުޅޭ މީހުންނަށް އެމީހުންގެ ކުލި ވެސް ބޮޑުތަނުން ލުއިވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޭންކު ލޯނުތައް ދެއްކުމަށް ލިބޭނެ ކަމަށް ބުނާ ލުއި، އެއްވެސް އިސްތިސްނާއެއް ނެތި އެ ބޭންކުން ލޯނު ނަގާފައިވާ އެންމެންނަށް މިދަނޑިވަޅުގައި ލިބެންޖެހޭނެ ކަމަށް ދެކޭ ކަމަށެވެ.

"ބޭންކު ލޯނުތައް ދެއްކުމަށް ލިބޭނެ ކަމަށް ބުނާ ލުއި، އެއްވެސް އިސްތިސްނާއެއް ނެތި އެ ބޭންކުން ލޯނު ނަގާފައިވާ އެންމެންނަށް މިދަނޑިވަޅުގައި ލިބެންޖެހޭނެ ކަމަށް ދެކެން. އަދި ކުއްޔަށް އުޅޭ މީހުންނަށް އެމީހުންގެ ކުލިވެސް ބޮޑުތަނުން ލުއިވާންޖެހޭ،" އަލީ ހުސައިން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ވެސް ބޮޑެތި އަސަރުތައް ކުރަމުންދާ އިރު، ސަރުކާރުން އަންނަނީ ބޭންކުތައް މެދުވެރިކޮށް ރައްޔިތުންނަށް ލުއިތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ޕާސަނަލް، ހައުސިން އަދި ބިޒްނަސް ލޯނުތަކަށް ފައިސާ ދެއްކުން ހަ މަސް ދުވަހަށް ވަނީ ފަސްކޮށްފައެވެ. އޭގެ އިތުރުން ސަރުކާރުގެ ހައުސިން ސްކީމުތަކަށް ފައިސާ ދެއްކުން ވެސް ވަނީ ހަ މަސް ދުވަހަށް ފަސްކޮށްފައެވެ.