ޚަބަރު

ކޮވިޑް 19 : ދުނިޔެ އަބަދު ލޮކްޑައުންކޮށްގެން ނުތިބެވޭނެ، ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ: އަލީ ވަހީދު

ކޮވިޑް 19އާ ގުޅިގެން ދުނިޔެ އަބަދު ލޮކްޑައުންކޮށްގެން ނުތިބެވޭނެ ކަމަށާއި ބަލިން ރައްކާތެރިވެ ސަލާމަތްތެރިކަން ހޯދުމަށް ދުނިޔޭގެ ހުރިހާ ގައުމުތަކެއް ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ އެންގުންތަކާ އެއްގޮތަށް އަވަސް، ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ފަތުރުވެރިކަމާ ބެހޭ އދ. ގެ މައި ޖަމިއްޔާ ޔޫއެންޑަބްލިޔުޓީއޯ އިން އެކުލަވާލި ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ދެކުނު އޭޝިއާ އަދި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު އަލީ ވަހީދަކީ އެ ޖަމިއްޔާގެ ސައުތު އޭޝިއާ ރީޖަނަލް ޗެއާއެވެ.

"ދުނިޔެ އަބަދު ލޮކްޑައުންކޮށްގެން ނުތިބެވޭނެ. ކޮވިޑް 19 އިން ރައްކާތެރިވެ ސަލާމަތްތެރިކަން ހޯދުމުގެ ދުނިޔޭގެ ހުރިހާ ގައުމުތަކެއް ގުޅިގެން ޑަބްލިޔުއެޗްއޯގެ އެންގުންތަކާ އެއްގޮތަށް އަވަސް، ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމުތަކެއް ގުޅިގެން އަލުން ފަތުރުވެރިކަން ދިރުވައި އާލާކުރުމަށްޓަކައި ދަތުރުކުރަން އެންމެ ރައްކާތެރި މާދަމާއެއް ހޯދަން ޖެހޭ ކަމަށެވެ. އަދި މިއަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހަޔާތުގައި ވަރަށް ވެސް ހިތާމަވެރި ދުވަހެއް ކަމަށާއި މިއަދުން ފެށިގެން މިވަގުތަށް ރާއްޖެއަށް އޮން އެރައިވަލް ވިސާދިނުން ހުއްޓާލަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް 19 ޖެހުނު ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތައް އެ ބަލިން ރަނގަޅުވެފައިވާ ކަމަށާއި ރާއްޖެއާއި މުޅި ދުނިޔެއަށް މިކަމުން އަރައިގަނެވެން އޮތީ ހުރިހާ ގައުމުތަކެއް ވެސް ގުޅިގެން ކުރާ މަސައްކަތެއްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ސަޕޯޓިން ޖޮބްސް އެންޑް އިކޮނޮމީސް ތުރޫ ޓޫރިޒަމްގެ ދަށުން "މިޓިގޭޓިން ދަ ސޯޝިއޯ އިކޮނޮމިކް އިމްޕެކްޓް އޮފް ކޮވިޑް 19 އެންޑް އެކްސެލެރޭޓިން ރިކަވަރީ" ކަރުދާހުގެ މައްޗަށް ކޮމިޓީގެ މެންބަރުން ބަހުސްކުރިއެވެ.