ޚަބަރު

އިސްލާމިކް ބޭންކުގެ ފައިނޭންސިން ސްކީމުތަކަށް ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދެނީ

ހަލުވިކަމާއެކު ދުނިޔޭގައި ފެތެރެމުންދާ އަދި ރާއްޖެއިން ވެސް ފެނިފައިވާ ކޮވިޑް 19އާ ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ފައިނޭންސިން ސްކީމުތަކަށް ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެ ބޭންކުން ނިންމައިފިއެވެ.

އެމްއައިބީން ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް 19ގެ ސަބަބުން އިގުތިސާދީގޮތުންނާއި މާލީގޮތުން ދަތިތަކާ ކުރިމަތިވެފައިވާ އިސްލާމިކް ބޭންކުގެ ވިޔަފާރިއާ ގުޅޭ އެކިއެކި ފައިނޭންސިން ފެސިލިޓީތައް ނަގާފައިވާ ކަސްޓަމަރުންނަށާއި އަދި ގެދޮރު އިމާރާތްކުރުމަށާއި ގަތުމަށް ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެ ކަސްޓަމަރުންގެ ތެރެއިން އެއްވެސް ފަރާތަކުން އެހީތެރިކަމަށް ބޭނުންވާ ނަމަ، އެކަމަށް ހާއްސަކުރެވިފައިވާ އެޕްލިކޭޝަން ފޯމު، "ކޮވިޑް 19 ބިޒްނަސް ސަޕޯޓު އެޕްލިކޭޝަން ފޯމު" ފުރުމަށްފަހު އެކަމަށް ހާއްސަކުރެވިފައިވާ އީމެއިލް އެޑްރެސް، [email protected] އަށް މެއިލްކުރުމަށް އެދޭ ކަމަށް އެ ބޭންކުން ބުނެއެވެ.

"އެޕްލިކޭޝަން ފޯމު ލިބުމުން ބޭންކުގެ ބިޒްނަސް ޓީމުން ތިޔަ ފަރާތާއެކު މަޝްވަރާކޮށް އަދި އިންޓާނަލް އެސެސްމަންޓެއް ހެދުމަށްފަހު އެންމެ އެކަށޭނެ ލުއި ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ. އެޕްލިކޭޝަން ފޯމު އަޅުގަނޑުމެންގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެ ވާހަކަ ދަންނަވަމެވެ..،" އެމްއައިބީން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

އެމްއައިބީން ބުނީ އެ ބޭންކުގެ ކޮންސިއުމާ ފައިނޭންސިން ފެސިލިޓީތަކާއި އަދި ޓްރޭޑް މުރާބަހާ ފައިނޭންސިން ފެސިލިޓީ ނަގާފައިވާ ފަރާތްތަކުގެ ތެރެއިން އެހީ ބޭނުންވާ ފަރާތްތަކަށް ލުއިތަކެއް ދެވޭނެ ގޮތްތަކެއް އެކުލަވާލުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށާއި ކުރިއަށްއޮތް ތަނުގައި އެކަމުގެ މައުލޫމާތާއި އަމަލުކުރަންވީ ގޮތް އާންމުކޮށް އިއުލާނުކުރާނެ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ވެސް ދަނީ ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ. އެކަމުގެ ސަބަބުން ސަރުކާރުން އަންނަނީ ބޭންކުތަކާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ގިނަ މަސައްކަތަކެއް ކުރަމުންނެވެ.