ޝަހީދާ އަބްދުﷲ ސައީދު
ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ދެވެންހުރި ބާރުތައް މިހަފުތާތެރޭ ސިޓީ ކައުންސިލްތަކަށް ދޫކޮށްލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މާލެ އަތޮޅު ދިއްފުށީގައި އަމިއްލަ ފަރާތަކުން ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު އަމަލުރަމުން އަންނަ ލާމަރުކަޒީ ގާނޫނުން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ދެއްވެން ހުރީ ބާރުތައް މިހަފުތާތެރޭ ސިޓީ ކައުންސިލްތަކަށް ދޫކޮށްލައްވާނެ ކަމަށެވެ.
އަދި ކުރިއަށް އޮތް އެއްމަސްދުވަސް ތެރޭ ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދިރާސާކުރުމަށް ފަހު، ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކައުންސިލްތައް ބާރުވެރި ކުރުވުން ކަމަށާއި، އެކަން ކުރެވޭނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށެވެ.
މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ފާއިތުވެ ދިޔަ އެއް ހަފުތާތެރޭ ރާއްޖޭގައި ކަން ހިނގާފައިވާގޮތް ރައްޔިތުންނަށް ފެންނަަމުންދާ ކަމަށާއި، ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާ އެމަނިކުފާނު ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ މާލީ ހާލަތު ދެނެގަނެވި ރަނގަޅުކުރަން ޖެހޭ ކަންކަން ގިނަކަން ފާހަގަކުރެވިގެން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިއްފުށީގައި މިއަދު ރައީސް އިފްތިތާހުކޮށްދެއްވި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކޮށްފައި ވަނީ އަލިފުޅު ތުއްތު ފައުންޑޭޝަނުންނެވެ.