ކޮވިޑް 19އާ ގުޅިގެން ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސަންޓް ބޯނަސް ޑޭޓާ ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.
އުރީދޫ އިން ބުނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑާޓާ އެލަވަންސުން 25 ޕަސަންޓް ބޯނަސް ދިނުމަށް ނިންމާފައިވާ ކަމަށާއި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ބޯނަސް އަލުން އާވެގެން ދާނެ ކަމަށެވެ.
މީގެ ކުރިން ވެސް އުރީދޫ އިން ވަނީ އެޗްޕީއޭ އިން އަންގައިގެން ގޭގައި އެކަހެރިވާން ޖެހޭ އާއިލާތަކަށް އުރީދޫ ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 25 ޕަސަންޓް ބޯނަސް ޑޭޓާ ދޭގޮތަށް ނިންމައިފައެވެ.
އޭގެ އިތުރުން ވެސް ކޮވިޑް 19އާ ގުޅިގެން އުރީދޫ އިން އަންނަނީ ކަސްޓަމަރުންނަށް އެތައް ލުއިފަސޭހަތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން އުރީދޫގެ "އެންމެންނާއެކު އުރީދޫ" މި ޝިއާރުގެ ދަށުން އެ ކުންފުނިން ވަނީ މިމަހުގެ ނިޔަލަށް އުރީދޫ ކަސްޓަމަރުންނަށް، އެހެން ނެޓްވޯކްތަކުގެ ނަމްބަރުތައްވެސް ހިމެނޭހެން ހިލޭ އެސްއެމްސް ކުރެވޭނެ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ފޯނު ބިލާއި، ފައިބާ އަދި ވަޔާލެސް ބްރޯޑްބޭންޑްގެ ބިލު ހިމެނޭހެން އަދި ކުދި ވިޔަފާރިތަކުން އުރީދޫއަށް ދައްކަންޖެހޭ ބިލްތަކަށް މި މަހު ފައިސާ ނުދެއްކުނަސް ހިދުމަތް ކަނޑާނުލާނެ ކަމުގެ ޔަގީންކަން އުރީދޫން ވަނީ އަރުވައިފައެވެ.
އުރީދޫން ވަނީ ކޮވިޑް 19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމު ހަމަޖައްސައިފައެވެ. އުރީދޫގެ އެދުމަކީ މި ހާލަތުގައި އުރީދޫގެ ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުން ވީހާވެސް ގިނައިން ކަސްޓަމަރުން ހިފުމެވެ. އަދި ކޮންމެހެން އަންނަން ޖެހިގެން ނޫނީ އުރީދޫގެ އައުޓްލެޓުތަކަށް ޒިޔާރަތް ނުކުރުމަށެވެ.
އުރީދޫއިން މިހާރުވެސް އަންނަނީ ކޯވިޑް 19 އާ ދެކޮޅަށް ގައުމުން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް ގާތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން އެޗްޕީއޭގެ ޕޭޖަށް އިންޓަނެޓާ ނުލައި ހިލޭ ވަދެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ އިތުރުން އުރީދޫގެ ކަސްޓަމަރުންނަށް ގުޅާއިރު އަންނަ ޓިއުންސް މިހާރު ވަނީ ކޯވިޑަށް ހޭލުންތެރިކުރުމުގެ މެސެޖުތަކަށް ބަދަލުކޮށްފައެވެ.