ޚަބަރު

ޕްލޭނިން މިނިސްޓްރީން ނިއުޕޯޓު ވިއުގައި ބޮޑު ތަޅު އަޅުވައި ބަންދުކޮށްފި

އަލީ ޔާމިން

ނިއުޕޯޓް ވިއު ހިންގަމުން ގެންދިޔަ އިމާރާތުގައި ޕްލޭނިން މިނިސްޓްރީން ބޮޑުތަޅު އަޅުވައި ބަންދު ކޮށްފިއެވެ.

ނިއުޕޯޓް ވިއު ހިންގި ސްޓްރާޑާ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެތަނުގެ މައްސަލަ ޝަރީއަތުގައި ވަނިކޮށް އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިސްކޮށް ހުންނަވައި ދިހަ ވަރަކަށް މީހުން ވަނީ ފުލުހުންގެ ހާޒިރުގައި ނިއުޕޯޓް ވިއުއަށް ގަދަބާރުން ވަދެފައި ކަމަށެވެ. ނިއުޕޯޓަށް އެމީހުން ވަނީ ކޯޓު އަމުރެއްވެސް ނެތި ކަމަށާއި އެތަނަށް ވަނީ ތަން ހުސްކުރަން ކަމަށް ކުންފުނީގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށެވެ.

ސްޓްރާޑާ ކުންފުނިން ބުނީ އެފަދަ ކަމެއް ކުރާކަން ސަރުކާރުގެ އެއްވެސް އިދާރާއަކުން އެކުންފުންޏަށް އަންގާފައި ނުވާ ކަމަށެވެ. އަދި ތަޅު ހަލާކުކޮށްލައިގެން ވަދެ ކުންފުނީގެ މުދާ ހާވައި، ފޮޓޯ ނަގައި ހެދިކަމަށްވެސް ބަޔާނުގައި ވެއެވެ.

"ތަނުގެ ތަޅު ހަލާކުކޮށް ހުއްދަނެތި އިމާރާތުގެ ތެރެއަށް ވަދެ މި ކުންފުނީގެ މުދާ ހާވައި، ފޮޓޯ ނަގައި، ތަނުގައި ފިލާ ޖެހުމަށްފަހު ބޮޑު ތަޅެއް ހަރުކޮށް ވަނީ ބަންދުކޮށްފައި. ސަރުކާރު ރަސްމީކޮށް ބަންދުކޮށްފައިވާ މިދަނޑިވަޅުގައި ކުލަ ހެދުމުގައި އެއްވެސް ރަސްމީ ލިޔެކިޔުމެއް ދެއްކުމަކާ ނުލައި ބަޔަކު ގޮސް މިފަދައިން ކަންކަންކޮށްފައިވާ މައްސަލަ މިހާރު ވާނީ ފުލުސް އޮފީހަށް ހުށަހަޅާފައި،" ސްޓްރާޑާ ކުންފުނިން ނެރުނު ބަޔާނެއްގައި ވެއެވެ.

ސްޓްރާޑާ ކުންފުނިން ބުނީ ގައުމު ނާޒުކު ފައްތަރެއްގައި އޮތް ދަނޑިވަޅެއްގައި ސިއްހީ ރައްކާތެރިކަމަށާއި، ދައުލަތުގެ ފައިސާއާއި ރިސޯސްތަކަށް ބެލުމެއް ނެތި ސަރުކާރުގެ އެތައް މުވައްޒަފުންނެއް ނެރެގެން ނިއުޕޯޓް ވިއު ބަންދުކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި ސަރުކާރުން މިކަން ކޮށްފައިވަނީ ހައްގާއި އިންސާފުގެ ބޭރުން، ސިޔާސީ ގޮތުން އެ ކުންފުންޏަށް މެސެޖެއް ދިނުމުގެ ނިޔަތުގައި ކަމަށް ބަޔާނުގައި ވެއެވެ.

މި މައްސަލަ މިހާރު ހައިކޯޓާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާއި ކަމާބެހޭ އެހެން ފަރާތްތަކަށް ވެސް ހުށަހަޅާފައިވާއިރު ތަނުގައި ހުރި އެކުންފުނީގެ ތަކެއްޗަށް ލިބޭ ގެއްލުމަށް ދައުލަތުން ޒިންމާވާން ޖެހޭނެ ކަމަށްވެސް ސްޓްރާޑާ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސްޓްރާޑާ ކުންފުނިން ބުނީ ކޮވިޑް 19ގެ މާކުރިންވެސް ބަންދުކޮށްފައި ހުރި ތަނެއް ބަންދުކޮށް ބޮޑު ތަޅު އަޅުވަން އަކްރަމް ކަމާލުއްދީން އައީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިގެންތޯ ބަލަން އެކުންފުނިން ބަލަން ބޭނުންވާ ކަމަށާއި، އަކްރަމް ކަމާލުއްދީން ހިމެނޭހެން އެތަަނަށް އައި ދައުލަތުގެ މުވައްޒަފުން ތިބީ ސިއްހީ ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ވެސް ނާޅައި ކަމަށެވެ. އެހެންކަމުން އެ މީހުންނާއި ބައްދަލު ކުރަން ޖެހުނު އެ ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ސެލްފް އައިސޮލޭޝަނަށް ދިއުމަށް ކުންފުނިން އަންގާފައިވާނެ ކަމަށް ސްޓްރާޑާގެ ބަޔާނުގައި ވެއެވެ.

މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަން"އަށް ވިދާޅުވީ، ނިއުޕޯޓް ވިއު ހުސްކުރުމަށް ކުރިންވެސް ސްޓްރާޑާ ކުންފުންޏަށް އަންގާފައިވާނެ ކަމަށެވެ. އަދި އިއްޔެ އެތަނަށް ޕްލޭނިން މިނިސްޓްރީން ވަން އިރުވެސް ސްޓްރާޑާ ކުންފުނީގެ ތަކެތި އެތާނގައި ހުރި ކަމަށާއި އެހެންކަމުން އާދިއްތަ ދުވަހުގެ ނިޔަލަށް އެތަން ހުސްކުރުމަށް އެކުންފުންޏަށް އަންގާފައިވާނެ ކަމަށެވެ.

އަކްރަމް ކަމާލުއްދީން ވިދާޅުވީ، ނިއުޕޯޓް ވިއު ހުސްކުރަނީ ކޮވިޑް 19އާއި ގުޅިގެން ސަރުކާރުން އެތާނގައި ފެސިލިޓީއެއް ގާއިމްކުރަން ބޭނުންވާތީ ކަމަށެވެ.

ސިނަމާލެ ބުރިޖުގެ މަސައްކަތްތައް ނިމެންދެން އެ ސަރަހައްދުގައި ވަގުތު ހޭދަކޮށްލާނެ ޕްލެޓްފޯމެއް ހެދުމަށާއި ރެސްޓޯރެންޓެއް ހިންގުމަށް ސްޓާރާޑާ ކުންފުންޏާ ހަވާލު ކުރީ ޑިސެމްބަރު 22، 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އެންމެ ފުރަތަމަ އެ ބިން އެ ކުންފުންޏަށް ތިން އަހަރަށް ހަވާލު ކުރި ނަމަވެސް ފަހުން އެ މުއްދަތު އަށް އަހަރަށް އިތުރުކުރިއެވެ.

ނަމަވެސް ސްޓްރާޑާ ކުންފުންޏާއި ދައުލަތާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ދައްކަން ހަމަޖެހިފައިވާ މަހު ކުލި އެ ކުންފުނިން ދައްކަމުން ނުދިޔުމުގެ ސަބަބުން، މިދިޔަ މާޗް މަހު ޕްލޭނިންގް މިނިސްޓްރީން ވަނީ އެ އެއްބަސްވުން ބާތިލު ކޮށްފަ އެވެ. އޭގެ ފަހުން ވެސް އެ ބިިން ސްޓްރާޑާ ކުންފުނިން ބޭނުން ކޮށްފައިވާ ކަމަށް ބުނެ ބަދަލު ހޯދުމަށް އެދި ޕްލޭނިން މިނިސްޓްރީން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ އަދިވެސް އޮތީ ކޯޓު މަރުހަލާގައި ވަކި ގޮތެއް ނުނިމިއެވެ.