ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، މައިކްރޯސޮފްޓުން ރާއްޖެއަށް އެއްބާރުލުން ދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.
ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ، މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެ މަޝްވަރާތައް ކުރައްވާފައިވަނީ މައިކްރޯސޮފްޓު އޭޝިއާ ޕެސިފިކްގެ ސޭލްސް، މާކެޓިން އެންޑް އޮޕަރޭޝަންގެ ނައިބު ރައީސް ރިކީ ކަޕޫރާއި ސައުތްއީސްޓު އޭޝިއާ ނިއު މާކެޓްސްގެ ޖެނެރަލް މެނޭޖަރު ސޫކް ހޫން ޗިއާ އަދި މައިކްރޯސޮފްޓް ސްރީލަންކާގެ ލީޑާޝިޕާއެކުގައި ކަމަށެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި އެ މަޝްވަރާތަކުގައި މިދަނޑިވަޅުގައި ދިވެހި ސަރުކާރަށާއި ރާއްޖޭގެ އިންޓަނެޓް ފޯރުކޮށްދޭ ކުންފުނިތަކަށް މައިކްރޯސޮފްޓުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.
އެގޮތުން ގޭގައި ތިބެގެން ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަޕޯޓްވޯކަށް އަދި ގުޅިގެން މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދިނުމަށް މައިކްރޯސޮފްޓް ޓީމްސް ޕްލެޓްފޯމް ފޯރުކޮށްދިނުމަށް މަޝްވަރާ ކުރެވުނު ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެއެވެ.
އޭގެ އިތުރުން ރާއްޖޭގެ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް މައިކްރޯސޮފްޓުގެ ޑޭޓާ އިތުރު ހިއްސާ ކޮށްދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާތަކެއް ކުރެވުނު ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ، މިއަދު ބޭއްވި މަޝްވަރާތަކުގައި ރާއްޖެއަށް އެއްބާރުލުން ދިނުމުގައި މައިކްރޯސޮފްޓުން ދެމިއޮންނާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށެވެ.