ރާއްޖެއަށް ބޭނުންވާ މުދާ ގެންނަން ގައުމީ އެއާލައިން، މޯލްޑިވިއަނުން ޗާޓަރު ފްލައިޓް ތަކެއް ބާއްވަން ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވިއަނުން ވަނީ ކޮލަމްބޯ އާއި ޓްރިވެންޑްރަމް އަދި ޗެންނާއީ އާއި ތައިލެންޑާއި ދުބާއީއަށް ޗާޓަރު ފްލައިޓުތަކެއް ބާއްވަން އިއުލާނު ކޮށްފައެވެ.
ކޮވިޑް 19 ދިވެހިންގެ ތެރޭގައި ފެތުރުމުގެ ފުރުސަތު އޮތުމުން ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިރޭ 12:00 އިން ފެށިގެން ބަންދު ކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.
މޯލްޑިވިއަނުން ބުނީ ޑިމާންޑް އޮތް ވަރަކުން އިތުރު ގައުމުތަކަށްވެސް ކާގޯ ފްލައިޓް ބާއްވާނެ ކަމަށާއި އެކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 7877926 ނަންބަރު ފޯނަށް ގުޅުން އެދޭ ކަމަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ވީއައިއޭ ބަންދުކުރުމުން ރާއްޖެއަށް މުދާ ގެނައުމަށް އުނދަގޫވާނެ ކަމަށާއި އެހެންކަމުން އެކަމަށް ހައްލެއް ހޯދައިދިނުމަށް ބޭރުން މުދާ ގެނައުމަށް ޗާޓަރު ފްލައިޓުތަކެއް ބާއްވާނެ ކަމަށެވެ.