ޚަބަރު

ޕޮޒިޓިވްވާ އެންމެންނަކަށް ބޭހެއް ނުދެން، ބޭސް ދެނީ އަލާމާތްތައް ގޯސްވާން ފެށީމަ: ޑރ މުހައްމަދު އަލީ

ކޮވިޑް 19އަށް ޕޮޒިޓިވްވާ ހުރިހާ އެންމެންނަށް ބޭސް ނުދޭ ކަމަށާއި ބޭސް ދެނީ އަލާމާތްތައް ވަކި ވަރަކަށް ގޯސްވާން ފެށުމުން ކަމަށް އެތެރެހަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ މުހައްމަދު އަލީ ވިދާޅުވީ އެންމެ ފުރަތަމަ ބޭނުންކުރަނީ އިންފްލުއެންޒާއަށް ބޭނުންކުރާ ބޭހާއި، ބައެއްކަހަލަ އެންޓިބަޔޯޓިކްސް އަދި މިކަމަށް ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައިވާ ފަސްޓްލައިންގެ ތިން ކެޓަގަރީގެ ތެރެއިން އެއް ކެޓަގަރީގެ ބޭސް ކަމަށެވެ.

"ޕޮޒިޓިވްވާ ހުރިހާ އެންމެންނަކަށް އަޅުގަނޑުމެން ބޭހެއް ނުދެން. އަލާމާތްތައް ވަކި ވަރަކަށް ގޯސްވާން ފެށީމަ ބޭސް ދެނީ. މިސާލަކަށް ހުން އައިސްގެން ގިނަ ދުވަސްވުން ނުވަތަ ހުން ދަށް ނުވެ ގިނަ ދުވަސްވާން ފެށުން، ނޫނީ ނޭވާލާން އުނދަގޫވާން ފެށުމުން ނޫނީ ފުއްޕާމޭގެ އެކްސްރޭ އާއި ސީޓީ ސްކޭންތަކުގައި ވަކި ވަރަކަށްވުރެ ބޮޑަށް ގޯސްވާން ފެށީމަ، އެހާ ހިސާބުން އަޅުގަނޑުމެން އެބަ ބޭނުންކުރަން ބައެއް ބޭސްތައް،" އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް 19އަށް 13 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން ނުވަ މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.