ޚަބަރު

ކުނި ކޮތަޅު ގޮށް ޖެހުމަށް ފަހު އިތުރު ކޮތަޅަކަށް ލުމަށް ވެމްކޯއިން އިލްތިމާސްކޮށްފި

އަލީ ޔާމިން

1

ކުނި ކޮތަޅު ގޮށް ޖެހުމަށް ފަހު އިތުރު ކޮތަޅަކަށް ލުމަށް ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން އިލްތިމާސްކޮށްފިއެވެ.

ކޮވިޑް 19ގެ މައުލޫމާތުދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ލީކުވާ ގޮތަށް ކުނި ކޮތަޅަށް ތަކެތި ނޭޅުމަށާއި ކުނި ކޮތަޅު ގޮށް ޖެހުމަށް ފަހު އިތުރު ކޮތަޅަކަށް ލުމަށް ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން އިލްތިމާސްކޮށްފައިވާ ކަމަށެވެ.

"ގޭގެއިން ކުނި ނެގުމުގައި، ބަލައި ދިއުމުގައި ކަންކުރާ ކުރާ ގޮތަކަށް ބަދަލެއް ނުގެންނަމޭ. އެހެންނަމަވެސް ކުނި އަޅާފައި އޮންނަ ކޮތަޅު، އެ ކޮތަޅު ގޮށް ޖެހުމަށް ފަހު އިތުރު ކޮތަޅަކަށް ލާދޭށޭ. އަދި ލީކުވާ ގޮތަކަށް އެއްޗެހި ހުރިޔަ ނުދޭށޭ. ކޮތަޅަކަށް ކުނި އަޅަން އެންމެ ރަނގަޅީ ތިން ބައިކުޅަ ދެ ބަޔަކަށް ވުރެ މައްޗަށް ނާރާ ގޮތަށޭ،" ވެމްކޯގެ އިލްތިމާސާއި ބެހޭ ގޮތުން މަބްރޫކް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން "ވަން"އަށް މައުލޫމާތުދެއްވަމުން ވެމްކޯގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރު، އަހުމަދު އާޒިމް ވިދާޅުވީ، ވެމްކޯގެ އިލްތިމާސަކީ ދިޔާ އެއްވެސް އެއްޗެއް ކުނި ކޮތަޅުގެ ތެރެއަށް ނޭޅުން ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ކަރަންޓީން ކޮށްފައިވާ ފަރާތްތައް ދިރިއުޅެމުން އަންނަ ގެތަކުން ކުނި ނަގަން އަންނައިރު ކުނި ކޮތަޅު ބޭރުގައި ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އެގޮތަށް ކަންތައް ކުރަނީ ގައުމަށް މިހާރު ދިމާވެފައިވަނީ ހާއްސަ ހާލަތަކަށް ވާތީ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟