ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން ކޮމާޝަލް ފްލައިޓުތައް އޮޕަރޭޓް ކުރުން ފަސްކޮށްފައިވާ ގދ. މާވަރުލު އެއާޕޯޓަށް އޮޕަރޭޝަންސްތައް ފަށާނެ ތާރީހެއް ދެ ހަފްތާގެ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު ޝިމާޒު އަލީ މިއަދު ވިދާޅުވީ، ރާއްޖޭގެ ހާލަތަށް އަންނަ ހެޔޮ ބަދަލުތަކަށްބަލާ މާވަރުލު އެއާޕޯޓުގެ އޮޕަރޭޝަންސް ފެށުމަށް ކަނޑައަޅާ ތާރީހެއް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށެވެ.
މާވަރުލު އެއާޕޯޓަށް ފުރަތަމަ ދަތުރުތައް ފަށަން ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް 19އާ ގުޅިގެން އެ ދަތުރުތައް ފެށުން މިމަހުގެ 30 ވަނަ ދުވަހަށް ފަސްކުރިއެވެ.
ސަތޭކަ ފަންސާސް މީޓަރު ފުޅާ އަދި 1200 މީޓަރު ދިގު ރަންވޭއަކާއެކު ތަރައްގީކޮށްފައިވާ މާވަރުލު އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށީ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު މޫވިން އިންޓަނޭޝަނަލް ކުންފުންޏާ ހަވާލުކޮށްގެންނެވެ.
ނަމަވެސް އެއްބަސްވި މުއްދަތަށް މަސައްކަތް ނިންމާފައި ނުވާތީ އެތަން ސަރުކާރަށް ނަގައި އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަންގެ އިތުރުން ޓެކްސީވޭގެ މަސައްކަތްތައް ކުރުމަށް 2018 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކުރިއެވެ.