ސަރުކާރުގެ ހައުސިން ސްކީމުތަކުގެ ދަށުން ދޫކޮށްފައިވާ ތަންތަނަށް ކުލި ދެއްކުން ހަ މަސްދުވަހަށް ފަސްކުރަން ނިންމައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި ހައުސިން މިނިސްޓްރީން ހިންގަމުންދާ ހައުސިން ސްކީމަށް ފައިސާ ދެއްކުން މިމަހުން ފެށިގެން ހަ މަސް ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
"އެޗްޑީއެފްސީ އާއި ހައުސިން މިނިސްޓްރީން މިހާރު ހިންގަމުންދާ ހައުސިން ސްކީމަށް ދައްކާ ފައިސާ ވެސް އެކެއް މާޗުން ފެށިގެން އެކެއް އޮގަސްޓްއާ ހަމައަށް ފަސްކުރެވިފައިވާ ވާހަކަ އެބޭފުޅުން ދަންނަވާފައި އެބައޮތް. މި ފައިސާ ދައްކާ ފަރާތް، އެ ފަރާތް އެދޭނަމަ ފައިސާ ދައްކަމުން ދެވިދާނެ ކަމަށް. އަދި މިކަމުގެ އިތުރު މައުލޫމާތު ހޯދުމަށް 3334666 ނުވަތަ 3000112 ނަންބަރަށް ގުޅައިދެއްވުމަށް." މަބްރޫކު ވިދާޅުވިއެވެ.
ކޮވިޑް 19އާ ގުޅިގެން ސަރުކާރުން އަންނަނީ ރައްޔިތުންނަށް ގިނަ ލުއިފަސޭހަތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ޕާސަނަލް، ހައުސިން އަދި ބިޒްނަސް ލޯނުތަކަށް ފައިސާ ދެއްކުން ހަ މަސް ދުވަހަށް ވަނީ ފަސްކޮށްފައެވެ. އަދި ވިޔަފާރިތަކަށް އެހީވުމަށް ލޯނު ދޫކުރުމަށް ވެސް ނިންމާފައިވެއެވެ.