ޚަބަރު

ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް އަންނަ މަހުން ފެށިގެން ފައިސާ ދައްކާނީ ސަރުކާރުން: މަބްރޫކު

އަލީ ޔާމިން

1

ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް އަންނަ މަހުން ފެށިގެން ފައިސާ ދައްކާނީ ސަރުކާރުން ކަމަށް ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19އާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މި ވަގުތު ކަންކުރެވެމުން އަންނަ ގޮތަކީ ހިލޭ ޑިގްރީއަށް ކިޔަވާ ކުދިން އަމިއްލައަށް ފައިސާ ދެއްކުމަށް ފަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފަހުން އެ ފައިސާ އަނބުރާ އެކުދިންނަށް ރީފަންޑް ކޮށްދިނުން ކަމަށެވެ. ނަމަވެސް އެ އުސޫލު ބަދަލުކޮށް، އޭޕްރީލް މަހުން ފެށިގެން މިނިސްޓްރީން އެކުދިންނަށް ފައިސާ ދައްކާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިވަގުތު ކަން ކުރެވެމުންދާ ގޮތަކީ އެކުދިން އަމިއްލައަށް ފީ ދެއްކުމަށް ފަހު މިނިސްޓްރީން ރީއެމްބަސް ކުރަނީ. މިނިސްޓްރީން އަނބުރާ އެ ލާރި ދެނީ. އެކަމަށް ބަދަލެއް ގެނެސް ލުއި ގޮތްތަކެއް ހޯދައިދެވޭތޯ ކުރި ސުވާލަށް މިނިސްޓަރު ދެއްވާ ޖަވާބަކީ މިނިސްޓަރު މަސައްކަތް ކުރައްވަމުން މިގެންދަވަނީ އެ މަގަށޭ އިރާދަކުރެއްވިއްޔާ އޭޕްރީލް މަހުން ފެށިގެން އެކުދިން ދައްކަން ޖެހޭ ފީތައް އަމިއްލަ އަތުން ހަރަދު ނުކޮށް މިނިސްޓްރީން ދެއްކޭނެ އިންތިޒާމު ރާވަދޭނަމޭ" މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް 19އާ ގުޅިގެން ސަރުކާރުން ވަނީ ސްޓޫޑެންޓް ލޯނު ނަގާފައިވާ ފަރާތްތަކަށްވެސް ލުއި ގޮތްތަކެއް ހޯދައިދީފައެވެ. އެގޮތުން އެ ލޯނުތައް އަނބުރާ ދައްކަން ޖެހޭ މުއްދަތު ވަނީ ހަ މަސް ދުވަހަށް ފަސްކޮށްދީފައެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން މިހާރުވެސް އެތައް ހާސް ދަރިވަރުންނެއް ކިޔަވަމުން އަންނައިރު، އެ ޕްރޮގްރާމަކީ ސަރުކާރުގެ ވައުދެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟