ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ވަކިވަކި ފަރާތްތަކުން ޗާޓަރުކޮށްގެން އޮޕަރޭޓްކުރަން ހުށަހަޅާ ފްލައިޓުތަކަށް ހުއްދަ ދިނުން މެދުކަނޑާލައިފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން އެކި ގައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ސަބަބުން ވައިގެ ދަތުރުފަތުތައް ހުއްޓިފައިވާ ގައުމުތަކުގައި ތިބި ދިވެހިންގެ ހާލަތު ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ބަލަމުން އަންނަ ކަމަށެވެ.
މިގޮތުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެންނަން ބޭނުންވެއްޖެ ހާލަތެއްގައި އެކަން ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާތީ، ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ވަކިވަކި ފަރާތްތަކުން ޗާޓަރުކޮށްގެން ދިވެހިން ގެނައުމަށް އޮޕަރޭޓްކުރަން އަދި ހުށަހަޅާ ފްލައިޓުތަކަށް ހުއްދަ ދިނުން މެދުކަނޑާލައިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން މިހެން ބުނެފައިވާއިރު ލަންކާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް އަމިއްލަ ފަރާތަކުން ޗާޓަރު ފްލައިޓެއް ބާއްވަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރާއްޖޭން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެންނަން ޖެހިއްޖެނަމަ ރެސްކިއު ފްލައިޓް ފޮނުވައިގެންވެސް އެފަރާތްތައް އަނބުރާ ރާއްޖެ ގެންނާނެ ކަމަށެވެ.