ޚަބަރު

އަތޮޅު ތެރޭގައި ހިންގާ ކެފޭފަދަ ތަންތަން ހުއްޓާލަން އަންގާފައެއް ނުވާނެ: އެޗްޕީއޭ

މާލެ ސަރަހައްދު ފިޔަވާ އެހެން ސަރަހައްދެއްގައި ހިންގާ ކެފޭފަދަ ތަންތަން ހުއްޓާލަން އަންގާފައި ނުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން އެގޮތަށް ބުނީ، އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަން ވަކި ގަޑިއެއްގެ ފަހުން ބަންދުކުރަން އެ ސިޓީގެ ކައުންސިލުން އަންގައި މިއަދު ނެރުނު އިއުލާނަކާ ގުޅިގެންނެވެ.

އެޗްޕީއޭއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ގްރޭޓާ މާލެ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓަކުގެ ހިދުމަތްތައް ދިނުން ހުއްޓާލަން އެއްވެސް ސިފައެއްގައި އެ އިދާރާއިން އަންގާފައިނުވާނެ ކަމަށެވެ.

އޭގެ އިތުރުން އެއްވެސް ސަރަހައްދެއްގައި ވިޔަފާރިކުރާ ގަޑިތަކަށް ބަދަލުގެންނަން އެއްވެސް ލޯކަލް ކައުންސިލަކަށް އަންގައި ނުވަތަ އިރުޝާދު ދީފައިވެސް ނުވާނެ ކަމަށް ބުނެފައިވެއެވެ.

އެޗްޕީއޭ އިން ބުނީ، އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވަ ސިއްހަތާބެހޭ ޓާސްކުފޯސްތަކުން އެޗްޕީއޭގެ އެންގުންތަކާއި އިރުޝާދުތަކަށް ބޯލެނބުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނުގައި ބުނެފައިވަނީ އެ ސިޓީގައި ވިޔަފާރިކުރާ ތަންތަނުން މިއަދުން ފެށިގެން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް ކަމަށެވެ.

އޭގެ އިތުރުން ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދޭން ބޭނުންވާނަމަ އަވަށު އޮފީހުން ހުއްދަ ހޯދުމަށްފަހު، ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ސިޓީ ކައުންސިލްގެ އެ ނިންމުމަކީ، ޑިރެކްޓާ ޖެނެރަލް އޮފް ހެލްސް ސާވިސަސްއާ މަޝްވަރާކުރެއްވުމަށްފަހު އައްޑޫ ކޮވިޑް 19 ޓާސްކްފޯހުން ނިންމައިގެން ނިންމި ނިންމުމެއް ކަމަށެވެ.