އައްޑޫ ސިޓީގެ ފިހާރަތައް ވަކި ގަޑިއެއްގެ ފަހުން ބަންދު ކުރަން އެ ސިޓީގެ ކައުންސިލުން ނިންމި ނިންމުމަކީ އެޗްޕީއޭއާ މަޝްވަރާކޮށްގެން ނިންމި ނިންމުމެއް ނޫން ކަމަށް ކޮވިޑް 19ގެ ހާލަތާގުޅޭ މައުލޫމާތު ދިނުމަށް ކަނޑައަޅާފައި ހުންނަ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެފައިވާތީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެކަން ދޮގު ކުރައްވައިފިއެވެ.
މޭޔަރު ސޯބެ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ކައުންސިލުން ފިޔަވަޅު އަޅާނެ ކަމަށެވެ.
އެގޮތުން އެ ސިޓީގެ އާންމު ހިދުމަތްދޭ ފިހާރަތަކާއި ކެފޭތަކާއި ރެސްޓޯރެންޓުތައް ވަކި ވަގުތެއްގެ ފަހުން ބަންދުކުރަން ނިންމާފައިވަނީ ޑިރެކްޓާ ޖެނެރަލް އޮފް ހެލްސް ސާވިސަސްއާ މަޝްވަރާ ކުރުމަށްފަހު އައްޑޫ ކޮވިޑް 19 ޓާސްކްފޯހުން ނިންމައިގެން ކަމަށް ވިދާޅުވިއެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނުގައި ބުނެފައިވަނީ ސިއްހީ ހިދުމަތްދޭ ކުލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި އާންމު ހިދުމަތްދޭ ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން މިއަދުން ފެށިގެން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން ހަވީރު 6:00 އަށް ކަމަށެވެ.
އޭގެ އިތުރުން ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދޭން ބޭނުންވާނަމަ އަވަށު އޮފީހުން ހުއްދަ ހޯދުމަށްފަހު، ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.