ޚަބަރު

އެންގުމާ ހިލާފުވާ ރިސޯޓު މުވައްޒަފުންނަށް ދައުވާކުރާނަން: ޕީޖީ ޝަމީމް

ރިސޯޓްތަކަށް އަރައި ފޭބުން މަނާކޮށްފައި ވަނިކޮށް އެ އެންގުމާ ހިލާފަށް އަމަލުކޮށްފައިވާ މީހުންނަށް ދައުވާކުރައްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރިސޯޓުތަކުން މީހުން އެހެން ތަންތަނަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އެ އެންގުމާ ހިލާފަށް އަމަލުކުރި ފަސް މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ.

ޕީޖީ ޝަމީމް "ވަން" އަށް ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ ހިލާފަށް ރިސޯޓަށް އެރުމާއި ރިސޯޓުން ފޭބުމަކީ ގާނޫނު އުގޫބާތުގެ 121 ވަނަ މާއްދާ އާއި 533 ވަނަ މާއްދާގެ ދަށުން ކުށެއް ކަމަށާއި އެހެންކަމުން އެންގުމާ ހިލާފުވާ ފަރާތްތަކުގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އެފަރާތްތަކަށް ދައުވާކުރާނެ ކަމަށެވެ.

"މިފަދަ ކަންކަން އަޅުގަނޑުމެން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ވަރަށް ގާތުން މިދަނީ ބަލަމުން. ވަކި ބަޔަކު ކުރާ ކަމަކުން އެހެން މީހުން ނުރައްކަލަކަށް ނުލެވޭނެ. އެހެންކަމުން އެފަދަ ކުށްތައް ކުރާ ފަރާތްތަކަށް އަޅުގަނޑުމެން އިސްނަގައިގެންވެސް ދައުވާ ކުރާނަން." ޝަމީމް ވިދާޅުވިއެވެ،

ގާނޫނު އުގޫބާތުގެ 121 ވަނަ މާއްދާގައި ބުނަނީ މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން އަނިޔާއެއް ލިބިދާނެ ކަމުގެ ބިރު ހީވާނަމަ އެއީ ކުށެއް ކަމަށެވެ. އެ ކުށް ސާބިތު ވެއްޖެ ނަމަ އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު ހުކުމެއް އާދެއެވެ. ގާނޫނު އުގޫބާތުގެ 533 މާއްދާގައި ބުނާގޮތުން ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމަކީ ކުށެކެވެ. އެ ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ރިސޯޓުތަކުން އެންމެ ފަހު ފަތުރުވެރިޔާ ފައިބާ ދުވަހުން ފެށިގެން 14 ދުވަސް ފަހުން މުވައްޒަފުންނަށް އެހެން ރަށްތަކަށް ދެވޭނެ ކަމަށެވެ.