ކޮވިޑް 19އާ ގުޅިގެން އިތުރު އެއް ހަފްތާއަށް ސަރުކާރު ބަންދުކުރަން ނިންމުމުން އެސްޓީއޯގެ ސެކިއުރިޓީސް ގަނެވިއްކުމުގެ މުއަލާމާތްތައް އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ހަމަޖެހިފައިވާ ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން އެޅި ހާއްސަ ފިޔަވަޅެއްގެ ދަށުން މިމަހުގެ 19 އިން 26 އަށް ސަރުކާރު ބަންދުކުރިއެވެ. އަދި އެ މުއްދަތު އިތުރު އެއް ހަފްތާއަށް އިތުރުކޮށްފައިވާކަން އިއްޔެ ރައީސް އިބްރާހިމް ސޯލިހު ވަނީ އިއުލާން ކުރައްވައިފައެވެ.
އެކަމާ ގުޅިގެން އެސްޓީއޯ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގެ ތެރޭގައި ރާއްޖޭގެ ބޭންކުތައް ހުޅުވުމަށް އެމްއެމްއޭއިން ކަނޑައަޅާފައިވާ ދުވަސްތަކުގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ އަދި ޑީޕިން ކުންފުނިތައް ކަމަށްވާ އާރިޔާ ސެކިއުރިޓީސް އަދި ސްޓޮކް ބްރޯކާސް އިން އެސްޓީއޯގެ ސެކިއުރިޓީޒް ގަނެވިއްކުމާގުޅޭ ހިދުމަތްތައް އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ހަމަޖެހިފައިވާ ހުންނާނެ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ، އިތުރު އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރުމާ ގުޅިގެން މަރުކަޒީ ބޭންކާއި ބޭންކުތަކުން ހިދުމަތްދޭނީ މިމަހުގެ 30 ވަނަ ދުވަހާއި އަންނަ މަހުގެ ދެ ވަނަ ދުވަހު ކަމަށެވެ.