އަލީ ޔާމިން
ކޮވިޑް 19އާ ގުޅިގެން އިތުރު އެއް ހަފްތާއަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރި ނަމަވެސް، ސެކިއުރިޓީސް ގަނެވިއްކުމާގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނެފިއެވެ.
ސީއެމްޑީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ސަރުކާރު ބަންދު ދުވަސްތަކުގައި ރާއްޖޭގެ ބޭންކުތައް ހުޅުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ދުވަސްތަކުގައި އެ އޮތޯރިޓީން ލައިސަންސް ދީފައިވާ ބައެއް ކުންފުނިތަކަށް ސެކިއުރިޓީސް ގަނެވިއްކުމާގުޅޭ ހިދުމަތްތައް އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.
ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން އެޅި ހާއްސަ ފިޔަވަޅެއްގެ ދަށުން މިމަހުގެ 19 އިން 26 އަށް ސަރުކާރު ބަންދުކުރިއެވެ. އަދި އެ މުއްދަތު އިތުރު އެއް ހަފްތާއަށް އިތުރުކޮށްފައިވާކަން އިއްޔެ ރައީސް އިބްރާހިމް ސޯލިހު ވަނީ އިއުލާން ކުރައްވައިފައެވެ.
އެކަމާ ގުޅިގެން އެމްއެމްއޭ އިން މިއަދު ބުނީ، އިތުރު އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރުމާ ގުޅިގެން މަރުކަޒީ ބޭންކާއި ބޭންކުތަކުން ހިދުމަތްދޭނީ މިމަހުގެ 30 ވަނަ ދުވަހާއި އަންނަ މަހުގެ ދެ ވަނަ ދުވަހު ކަމަށެވެ.
މީގެ އިތުރުން ޖެމްސް (GEMS) ބޭނުންކުރާ ފަރާތްތަކުން އެ އޮތޯރިޓީއަށް ޖެމްސް މެދުވެރިކޮށް ލިޔެކިޔުންތައް ފޮނުވުމަށާއި އަދި އާންމު ފަރާތްތަކުން އޮފީހަށް ފޮނުވާ ސިޓީ އާއި އެހެނިހެން ލިޔެކިޔުންތައް ބަލައިގަންނާނީ [email protected] މެދުވެރިކޮށް ކަމަށް ވެސް ސީއެމްޑީއޭގެ އިއުލާނުގައި ބުނެފައިވެއެވެ.