ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.
ކުރިން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި މި ދެ އިންތިހާބު އަންނަ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ފަހުން ނިންމި ނަމަވެސް، އެ މުއްދަތުގައި ވެސް އިންތިހާބަށް ތައްޔާރުނުވެވޭނެތީ މުއްދަތެއް ނެތް ގޮތަށް އިންތިހާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ގާނޫނަށް ބަދަލު ގެނެއުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ކުރަމުންނެވެ.
އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ހުރިހާ ޕާޓީއެއް ހިމެނޭހެން ގިނަ އަދަދެއްގެ ސިވިލް ސާވިސްގެ މުވައްޒަފުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
އިންތިހާބު ބޭއްވޭނެ ތާރީހެއް ކަނޑަނޭޅި ދިގުލައިގެންދާ އިރު، ސިވިލް ސާވިސްގެ މުވައްޒަފުން ސަސްޕެންޑްވެފައި ތިބެން ޖެހުމުން އެތައް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އެހެންކަމުން އިންތިހާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ތާރީހުން ފެށިގެން އެ މުވައްޒަފުންގެ ސަސްޕެންޝަން އުވާލައި، މުސާރައާއި އެހެނިހެން އިނާޔަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އިދިކޮޅުން ވަނީ ގޮވާލައިފައެވެ.
އެ ބަޔާނުގައި އިދިކޮޅުން ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ނިންމަންޖެހޭ ކަންކަމުގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ވަންނަމުންދާ ކަމަށާއި އެކަން އެގޮތަށް ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅަމުންދާ ކަމަށް ވެސް ޕީޕީއެމުން ވަނީ ތުހުމަތުކޮށްފައެވެ.
މީގެ އިތުރުން ގާނޫނުތައް ހެދުމާއި ގާނޫނުތަކަށް ބަދަލު ގެނައުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ނަމަވެސް މިހާރު ކުރިމަތިވެގެން އުޅޭ މައްސަލައަކީ ގާނޫނުގެ ތެރެއިން ހައްލެއް ހޯދަން ޖެހޭ ކަމަކަށްވާނަމަ، އިލެކްޝަންސް ކޮމިޝަނުން އެކަމެއްގެ ހައްލު ހޯދަން ޖެހޭނީ ރާއްޖޭގެ ކޯޓުތަކުން ކަމަށް އިދިކޮޅުން ބުނެއެވެ. އަދި އެއީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ހައްގެއްކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.