ޚަބަރު

ކޮވިޑް 19 : މާލެއަށް ހާއްސަ ސަމާލުކަމެއް ދެނީ އެހެން ރަށްތައް އިހުމާލުކުރާކަށް ނޫން، ނުރައްކާ ބޮޑުވާނެތީ: ރައީސް

ކޮވިޑް 19އާ ގުޅިގެން މާލެއަށް ހާއްސަ ސަމާލުކަމެއް ދެނީ މާލޭގައި ބަލި ފެތުރިއްޖެނަމަ ނުރައްކާ ބޮޑުވެގެންދާނެތީ ކަމަށާއި އެއީ އެހެން ރަށްތައް އިހުމާލުކުރަން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ އާބާދީ މިއޮތް ގޮތާއި މާލެ ތޮއްޖެހިފައި އޮތް ގޮތުން މާލޭގެ ކޮމިއުނިޓީ ސްޕްރެޑެއް އަތުވެއްޖެއްޔާ، އެކަކު ގައިން އަނެކަކުގެ ގަޔަށް މި ބަލި ފެތުރުން ކޮންޓްރޯލްކުރަން ވަރަށް އުނދަގޫވާނެ ކަމަށާއި މާލެއަށް ބަލި އަޔަނުދިނުމަށް ސަމާލުކަމެއް ދީގެން މަސައްކަތްކުރަނީ އެ ސަބަބަށްޓަކައި ކަމަށެވެ.

"މާލެއަށް ހާއްސަ ސަމާލުކަމެއް މިދެނީ އެހެން ރަށްތައް އިހުމާލުކުރާކަށް ނޫން. އެނގިވަޑައިގަންނަވާނެ، މާލޭގެ އާބާދީ މިއޮތް ގޮތާއި މާލެ ތޮއްޖެހިފައި އޮތް ގޮތުން މާލޭގެ ކޮމިއުނިޓީ ސްޕްރެޑެއް އަތުވެއްޖެއްޔާ، އެކަކު ގައިން އަނެކަކުގެ ގަޔަށް މި ބަލި ފެތުރެން ފަށައިފިއްޔާ ކޮންޓްރޯލްކުރަން ވަރަށް ވަރަށް ދަތިވާނެ. އެހެންވީމާ ހާއްސަ ސަމާލުކަމެއް ދީގެން މާލެއަށް މި ބަލި އަޔަނުދިނުމަށްޓަކައި އަޅުގަނޑުމެން މި މަސައްކަތްކުރަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށަށް މި ބަލި ނުދިއުމަށްޓަކައި ވެސް ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށާއި މިހާރު ކޮންމެ ރަށެއްގައި ޓާސްކްފޯހެއް ވެސް އުފައްދާފައިވާނެ ކަމަށެވެ.

"ކޮންމެ ރަށެއްގައި ހުރި ކާޑުގެ ބާވަތްތަކާއި ބޭހުގެ ބާވަތްތަކުގެ ސްޓޮކް، ކޮންމެ ދުވަހަކު ނަގަމުން އަޅުގަނޑުމެން މިގެންދަނީ. ކޮންމެ ދުވަހަކު މިރެއިން ފެށިގެން ސްޓޮކްގެ އަޕްޑޭޓް ލިބެމުންދާނެ. މަދުވާ ވަރު އަޅުގަނޑުމެން ފޯރުކޮށްދެމުންގެންދާނަން. އަދި ދަތުރުފަތުރުކުރުމުގައި ވެސް އަމަލުކުރާގޮތްތައް ވެސް ބަލަމުން އަޅުގަނޑުމެން މިދަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެއްވެސް ރަށެއްގެ ރައްޔިތަކަށް އަދި އެއްވެސް ރަށަކަށް އިހުމާލުނުވެ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.