ފޮރިން މިނިސްޓްރީ

އަންނަ އަހަރުން ފެށިގެން ދިވެހީންނަށް ވިސާއާއި ނުލައި ޔޫއޭއީއަށް ދެވޭނެ: ފޮރިން މިނިސްޓަރު

އަންނަ އަހަރުން ފެށިގެން ދިވެހީންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ވިސާއާ ނުލައި ދެވޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ ޔޫއޭއީ އަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ފޮރިން މިނިސްޓަރު ޝެއިޚް އަބްދުﷲ އާ މިއަދު ބައްދަލުކުރެއްވުމަށް ފަހު މިރޭ ކުރެއްވި ޓުވީޓެއްގަ އެވެ.

"މި ދަތުރުގައި މި ވަނީ އާ ވިސާ އެގްރީމެންޓަކަށް އާދެވިފަ. އަންނަ އަހަރުން ފެށިގެން ދިވެހީންނަށް ވިސާއާ ނުލައި ޔޫއޭއީ އަށް ދަތުރުކުރެވޭނެ." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓަރާ އެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގެ އާ ސަރުކާރުގެ ސިޔާސަތުތައް ހިއްސާކުރެއްވި ކަމަށާއި ދެގައުމުގެ ދެމެދުގައި ގުޅުން ވަރުގަދަކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އޭގެ އިތުރުން ވިޔަފާރި އާއި އިންވެސްޓްމެންޓް ތަކުގެ ފުރުސަތުތަކާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޔޫއޭއީގެ ޑުބާއީ އަކީ ބައިނަލް އަގުވާމީ އެންމެ ބޮޑު އެެއް ވިޔަފާރި މަރުކަޒެވެ. އެތަނަށް ވަރަށް ގިނަ އަދަދެއްގެ ދިވެހީން ވެސް ކޮންމެ އަހަރަކު ދަތުރުކުރެ އެވެ. އެހެން ކަމުން ޔޫއޭއީ އަށް ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތް ވުމަކީ ދިވެހީންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެން ދާނެ އެވެ.