ޚަބަރު

މަޖިލީހުގެ ޖަލްސާތައް ވެބް ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދާނެ އުސޫލު ފާސްކޮށްފި

އެއްނުވެ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި މަސައްކަތްތައް ވެބް ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ އުސޫލު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ބައްޔާ ގުޅިގެން އިޖްތިމާއީ ގައިދުރުވުން ފަދަ ގޮތްތައް ބޭނުންކުރަން އިލްތިމާސް ކޮށްފައިވާތީ އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ މަސައްކަތްތައް މެންބަރުން ގޭގައި ތިއްބަވައިގެން އިންޓަނެޓް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އިއްޔެ ބޭއްވި މަޝްވަރާތަކަށްފަހުއެވެ.

އެގޮތުން އާންމު ކޮމިޓީން މިރޭ ފާސްކުރި އެކަމުގެ އުސޫލުގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެހިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަމީން އާންމު، ކައުންސެލާ ޖެނެރަލް، ސާޖަންޓް އެޓް އާމްސް އަދި މަސައްކަތާގުޅޭ އިދާރީ މުވައްޒަފުން ހިމެނޭ ގޮތަށް ޖުމްލަ 92 ބައިވެރިން ކޮންމެ ވެބް ކޮންފަރަންސިން ޗެނަލްއެއްގައި ހިމަނައިގެން ކަމަށެވެ.

އޭގެ އިތުރުން ވެބް ކޮަންފަރަންސް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޓޭބަލް އޮފީހާއި އައިސީޓީ، މީޑިއާ އަދި ހެންސާޑްގެ ޒިންމާތަކާއި ވެބް ކޮންފަރެންސް މެދުވެރިކޮށް ބޭއްވޭ މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެ ގޮތް ވެސް އެ އުސޫލުގައި ބަޔާން ކޮށްފައިވެއެވެ.

  • ވެބް ކޮންފަރެންސިން މެދުވެރިކޮށް ބޭއްވޭ ޖަލްސާތައް ކުރިއަށްދާނެ ގޮތް:
  • - އެސްއެމްއެސް މެދުވެރިކޮށް ޖަލްސާއަށް ދެންނެވުން، އަދި ޖަލްސާގެ އެޖެންޑާ މެންބަރުންނާ ހިއްސާކުރުން
  • - ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ 15 މިނެޓް ކުރިން މެންބަރުންނަށް ނޯޓިފިކޭޝަންއެއް މަޖިލީހުގެ އިދާރާއިން ފޮނުވުން، އަދި ޖަލްސާ ފެށުމުގެ ފަސް މިނެޓްކުރިން އަދި އެއްވެސް ވޯޓެއް ނެގުމުގެ ފަސް މިނެޓް ކުރިން ނުވަތަ ކޯރަމް ހަމަނުވާނަމަ، ހުރިހާ މެންބަރުންނަށް ނޯޓިފިކޭޝަންއެއް ފޮނުވުން
  • - މަޖިލީހުގެ ރައީސް ޖަލްސާ ފެއްޓެވުން
  • - ހާޒިރީ އިއްވެވުން: އެވަގުތު ޖަލްސާގެ ވެބް ކޮންފެރެންސްގައި ބައިވެރިވެވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދު އިއްވެވުން
  • - އެޖެންޑާ އިއުލާންކުރެއްވުން
  • - ޖަލްސާކުރިއަށް ގެންދެވުން
  • - ބަހުސްއަށް ހުޅުވާލެއްވުމުން މެންބަރުން ފުރުސަތަށް އެދިވަޑައިގެންނެވުން
  • - މެންބަރުން ފުރުސަތަށް އެދިވަޑައިގަންނަވާނީ ވެބް ކޮންފެރެންސިން އެޕްލިކޭޝަނުގެ "ޗެޓް" ބޭނުންކުރައްވައިގެން
  • - ވޯޓުލުން ކުރިއަށްދާނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 194 ވަނަ މާއްދާގައި ބަޔަންކޮށްފައިވާ ގޮތަށް ވަކި ވަކިން މެންބަރުންނާ ސުވާލުކުރައްވައިގެން. ވޯޓު ނެގުމުގައި ކޮންމެ މެންބަރެއްގެ ނަން އިއުލާނުކުރުމުން، އަންނަނި ގޮތަކުންކުރެ ގޮތެއް ހާމަކުރަންވާނެއެވެ.
  • o ފެންނަނަމަ "ފެނޭ"
  • o ނުފެންނަ ނަަމަ "ނުފެނޭ"
  • o ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާނަމަ "ވޯޓު ނުދެން"
  • - ނިޒާމީ މައްސަލައެއް މެންބަރަކު ފާހަގަކުރައްވަން އެދިވަޑައިގަންނަވާނަމަ، ވެބް ކޮންފެރެންސިން އެޕްލިކޭޝަނުގެ "ޗެޓް" ބޭނުންކުރައްވައިގެން އެކަން ފާހަގަކުރެއްވޭނެ
  • - މަޖިލީހުގެ ރައީސްގެ އަމުރަށް މެންބަރުން ކިޔަމަންވުން
  • o މަޖިލީހުގެ ރައީސްގެ އަމުރަށް މެންބަރުން ކިޔަމަންނުވެއްޖެނަމަ، މަޖިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.
  • - ޖަލްސާ ނިންމުން

ކޮވިޑް 19އާ ގުޅިގެން ސަރުކާރު ބަންދު ކުރުމަށާއި އާއްމު ހިދުމަތްތަކަށްޓަކައި ކޮންމެހެން މަސައްކަތް ކުރަންޖެހޭ ތަންތަނުގެ މަސައްްކަތްތައް މުވައްޒަފުން ގޭގައި ތިބެގެން ކުރެވޭ ގޮތަށް ސަރުކާރުން ނިންމުމާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ޖަލްސާއަށްފަހު މަޖިލީހުގެ ޖަލްސާތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.

ނަމަވެސް މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ވެސް މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކުގެ ތެރޭގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އެ މަސައްކަތްތައް ކުރިޔަށްދާނެ ކަަމަށެވެ.

އޭގެ ތެރެއިން ލޯކަލް ކައުންސިލް އިންތިހާބު މިހާރު ފަސްކޮށްފައި އޮތް އޭޕްރީލް މަހުގެ 18 ވަނަ ދުވަހަށްވުރެވެސް ލަސްކުރަން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުގެ މަަސައްކަތް މަޖިލިސް ރައީސް ފާހަގަ ކުރެއްވިއެވެ