މިއަހަރުގެ ފަހުކޮޅު ރާއްޖޭގެ އިގުތިސާދަށް ވެސް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި އެދުވަހުން ރާއްޖޭގެ ރިސޯޓުތައް ވެސް ފުރިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއުޅެނީ ފައިނޭންޝަލް ކްރައިސިސްއެއް އައިސްގެން ނޫން ކަމަށާއި ބޭންކުތަކާއި ގައުމުތަކުގައި ފައިސާ ވެސް އެބަހުރި ކަމަށެވެ.
"މިއުޅެނީ ބައްޔެއް ފެތުރިގެން މިއުޅެނީ. އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި އުނދަގޫތަކެއް ދިމާވެގެން މިއުޅެނީ. މިކަމުން އަރައިގަތުމާއެކީގައި އަޅުގަނޑަށް ފެންނަނީ ވަރަށް ބޮޑު ބަދަލެއް އިގުތިސާދަށް އަންނަ ތަން. މިކަމުގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައިވިއްޔާ، މިއަހަރުގެ ފަހު ކުއާޓާ އާއި މި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް އިކޮނޮމިކް ބޫމްއެއް އަންނާނެ ކަމަށް. އެހެންވީމާ އަޅުގަނޑުމެން މި ގަޑީގައި ކެތްކޮށްލައިގެން، ހިފަހައްޓާލައިގެން ތިބެންވީ. އިރާދަކުރެއްވިއްޔާ މިއަހަރުގެ ފަހުކޮޅުގައި އަޅުގަނޑުމެންގެ އިގުތިސާދު ވެސް، މުޅި ދުނިޔޭގެ އިގުތިސާދަށް ވެސް ބޮޑު ބަދަލުތަކެއް އަންނާނެ. އަޅުގަނޑަށް މަންޒަރު ފެންނަނީ ރާއްޖޭގެ ޓޫރިޒަމް، ރިސޯޓުތައް ފުރިގެންދާތަން އެދުވަހު،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދިނުމަށް އައިއެމްއެފް، ވޯލްޑް ބޭންކް، އޭޑީބީ، އައިޑީބީ ފަދަ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުގައި އެދިފައިވާނެ ކަމަށާއި މި ސަރަހައްދުގެ ހުރިހާ ފިނޭންސް މިނިސްޓަރުންނާ އެކީގައި ވޯލްޑް ބޭންކުން މިއަދު ބޭއްވި ޓެލެކޮންފަރެންސްގައި ވެސް ހުރިހާ ގައުމުތަކަށް އެހީވުމާ ބެހޭގޮތުން ވާހަކަދެކެވުނު ކަމަށެވެ.