ޚަބަރު

ޝަހީދުންގެ ދުވަހުގައި ރައީސްގެ ޝުކުރު ކޮވިޑް 19އިން ރައްޔިތުން ސަލާމަތްކުރުމަށް ހިދުމަތްކުރާ ފަރާތްތަކަށް

މިއަހަރުގެ ޝަހީދުންގެ ދުވަހާ ގުޅިގެން ކޮވިޑް 19 އިން ދިވެހިރައްޔިތުން ސަލާމަތްކުރުމަށް ހިދުމަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާ ކުރައްވައިފިއެވެ.

ދިވެހިގައުމަށްޓަކާ ޝަހީދުވެފައިވާ އަބްތާލުންގެ ޒިކުރާ އާކުރުމުގެ ގޮތުން ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ޝައުބާން މަހުގެ އެއް ވަނަ ދުވަހުއެވެ.

މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްލާމް ދީނުގެ ދިފާއުގައި ޝަހީދުވެ ވަޑައިގެންނެވި ބަތަލުންގެ ޒިކުރާ އާކުރާ ކަމަށެވެ.

"އަދި މިހާރު ކުރިމަތިވެފައިވާ ކޮވިޑް 19 އިން ދިވެހި ރައްޔިތުން ސަލާމަތްކުރެއްވުމަށް ހިދުމަތްކުރައްވާ ހުރިހާ ފަރާތްތަކަށް ފަށްފަށުން ޝުކުރު ދަންނަވަން،" ރައީސްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޝަހީދުންގެ ދުވަސް ނިސްބަތްވަނީ އިސްލާމްދީނާއި ދިވެހި ގައުމުގެ ދިފާއުގައި ފޯޗުގީޒުންނާ ދެކޮޅަށް އައްސުލްތާން އަލީ (6 ވަނަ) ހަނގުރާމަކުރައްވައި ޝަހީދުވެވަޑައިގެންނެވި ދުވަސްކަމުގައިވާ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއް ވަނަ ދުވަހަށެވެ.