މިފްކޯއިން މަސްވެރިން އަތުން މަސް ގަތުމަށް ފަހު މަސްވެރިނަނަށް ނުދީ ހުރި ފައިސާ އަނބުރާ އެ ފަރާތްތަކަށް ދިނުމަށް ސަރުކާރުން އެ ކުންފުންޏަށް 37 މިލިއަން ރުފިޔާ ދީފިއެވެ.
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކޫއްޑޫއަށް ވަޑައިގެން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިދިޔަ ބުދަ ދުވަހާ ހަމައަށް މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާ ދިނުމަށްޓަކައި ސަރުކާރުން ވަނީ ފައިސާ ހަވާލުކޮށްފައި ކަމަށެވެ.
ޒަހާ ވިދާޅުވީ ބުދަ ދުވަހާ ހަމައަށް މަސް ކިރާ ފައިސާ ނުލިބި ހުރި ހުރިހާ ބިލްތަކަށް ފައިސާ ލިބޭނެ އިންތިޒާމް މިހާރު ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.
މިނިސްޓަރު ގއ. އަތޮޅަށް ކުރަމުން ގެންދާ ދަތުރުފުޅުގައި ކޫއްޑޫގެ އިތުރުން ގެމަނަފުށްޓަށް ވެސް ވަނީ މިއަދު ވަޑައިގެންފައެވެ.
އެ ދަތުރުފުޅުގައި ރަށްރަށުގެ މަސްވެރިންނާއި ދަނޑުވެރީންގެ އުދާސްތަކާއި ޝަކުވާތައް ވަނީ މިނިސްޓަރު އަޑުއައްސަވައިފައެވެ.