ދަނޑުވެރިން އުފައްދާ ތަކެތި ހަލާކުނުވެ، ތާޒާކަންމަތީ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓްރޭޑިން ޕްލެޓްފޯމެއް ގާއިމުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދަނޑުވެރިން މިހާރު ވެސް އަންނަނީ ރޯދައަށް ދަނޑު ހައްދަމުން ކަމަށާއި ދަތުރުފަތުރުކުރުމުގައި މިވަގުތު ހުރި ދަތިތަކުގެ ސަބަބުން ދަނޑުވެރިން އުފައްދާ ތަކެތި އެސްޓީއޯ މެދުވެރިކޮށް ވިއްކުމަށް ޓްރޭޑިން ޕްލެޓްފޯމެއް ގާއިމުކުރުމަށް ސަރުކާރުން ގަސްދުކުރާ ކަމަށެވެ.
"ދަނޑުވެރިން މިހާރު ވެސް އަންނަނީ ރޯދައަށް ދަނޑު ހައްދަމުން. ދަތުރުފަތުރުކުރުމުގައި މިވަގުތު ހުރި ދަތިތަކުގެ ސަބަބުން ސަރުކާރުން މިހާރު ގަސްދުކުރަނީ ދަނޑުވެރިން އުފައްދާ ތަކެތި އެސްޓީއޯ މެދުވެރިކޮށް ހަލާކުނުވެ، ތާޒާކަންމަތީ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓްރޭޑިން ޕްލެޓްފޯމެއް ގާއިމުކުރުމަށް. ކުރިއަށްއޮތް ހަފުތާއެއްހާ ދުވަސްތެރޭގައި ދިވެހި ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނާނެ ގޮތުގެ ތަފުސީލު އެސްޓީއޯ އިން އާންމުކުރާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިކަމަށް އެހީތެރިވެދިނުމަށް ވެސް ސަރުކާރުން މިހާރު ހާއްސަ ޕެކޭޖެއް އެކުލަވާލައި ބޮޑުކަންނެލި ގަނެ، އެކްސްޕޯޓުކުރާ ފަރާތްތަކަށް ލޯނު ދޫކުރަން ފަށާފައިވާ ކަމަށެވެ.
"ދޮށީގެ މަސްވެރިކަން ވެސް މިދުވަސްވަރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައި. ވޭތުވެދިޔަ ދެ ދުވަހުވެސް، ކޮންމެ ދުވަހަކު 300 އަށްވުރެ ގިނަ ޓަނު މިފްކޯއަށް ކިރުވިއްޖެ. މި ދުވަސްވަރު މަސްވެރިންނަށް ދަތިނުވާނެ ގޮތަށް ވީ އެންމެ ރަނގަޅަކަށް މަސްވެރިންނަށް ސަރުކާރުން އިރާދަކުރެއްވިއްޔާ ފައިސާ ދޫކުރާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ނިންމީ މި ދަނޑިވަޅުގައި ވަޒީފާތައް ރައްކާތެރިކޮށްދީ، އިގުތިސާދީ ދުވެލި ދެމެހެއްޓުމުގެ މަގުސަދުގައި ކަމަށެވެ.