ކޮވިޑް 19އާ ގުޅިގެން ގެއްލުން ލިބޭ ވިޔަފާރިތަކަށް ބާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ ލޯނުތަކަށް އެދި ހުށަހެޅުމަށް އަންނަ ހަފުތާ ތެރޭ އިއުލާންކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަތަކެއް ހަމަޖެއްސުމުގެ އިތުރުން މިހާރު ސަރުކާރު ވަނީ 2.5 ބިލިއަން ރުފިޔާގެ އިގުތިސާދީ އެހީތެރިކަމުގެ ޕެކޭޖެއް ވެސް އެކުލަވާލާފައި ކަމަށެވެ.
"ކޮވިޑް 19އާ ގުޅިގެން ގެއްލުން ލިބޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އާއި އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުން. އިރާދަކުރެއްވިއްޔާ މި ލޯނުތަކަށް އެދި ހުށަހެޅުމަށް އަންނަ ހަފުތާތެރޭގައި އިއުލާންކުރެވެނޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ އޭޕްރީލް އަދި މެއި މަހުގެ ކަރަންޓު ބިލުން 40 އިންސައްތަ އަދި ފެން ބިލުން 30 އިންސައްތައަށް ސަރުކާރުން ސަބްސިޑައިޒްކޮށްދޭނެ ކަމަށެވެ.