ޚަބަރު

އަށް މީހުން ބަލިން ރަނގަޅުވިޔަސް، މިއީ ބަލި ނުފެތުރޭނެ ކަމަށް ނިންމަންވީ ވަގުތެއް ނޫން: ރައީސް

ރާއްޖޭގައި މިހާތަނަށް ކޮވިޑް 19 ޖެހުނު 13 މީހުންގެ ތެރެއިން އަށް މީހުން ބަލިން ރަނގަޅުވިޔަސް، އެއީ ބަލި ނުފެތުރޭނެ ކަމަށް ނިންމަންވީ ވަގުތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއިން އެ ބަލި ޖެހުނު މީހުންގެ ތެރެއިން މިވަގުތު ފަރުވާދެމުން އަންނަނީ ފަސް މީހުންނަށް ކަމަށާއި އެ ފަސް މީހުން ވެސް އަންނަނީ ރަނގަޅުވަމުން ކަމަށެވެ.

"އެކަމަކު ވެސް މިއީ މި ބަލި އަޅުގަނޑުމެންގެ ތެރޭގައި ނުފެތުރޭނެ ކަމަށް ނިންމަންވީ ވަގުތެއް ނޫން. އެނގިވަޑައިގަންނަވާނެ، ދުނިޔޭގެ ކަންކޮޅުތަކުގައި މި ބަލި މިއަންނަނީ ހަލުވިކަމާއެކު ފެތުރެމުން. އެހެން އޮތް އިރުގައި މި ބަލި ކޮންޓްރޯލް ނުކުރެވެނީސް ރާއްޖެއަށް މި ބަލި ނާންނާނެއެކޭ އަދިވެސް އަޅުގަނޑުމެންނަށް ދެންނެވޭކަށް ނެތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް ރާއްޖެއިން މިހާތަނަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ މި ބަލި ފެތުރިގެންދާނެ ހުރިހާ ދޮރުތައް ބަންދުކުރުން ކަމަށެވެ.