ޚަބަރު

ރާއްޖެ ނާދެވި ޔޫކޭގައި ތާށިވެފައި ތިބި ދިވެހިންނަށް ވިސާ އިތުރުކޮށްދީފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19އާ ގުޅިގެން އިނގިރޭސިވިލާތުން އަޅާފައިވާ ޓުރެވަލް ރިސްޓްރިކްޝަނާ ގުޅިގެން ރާއްޖެ ނާދެވި ތާށިވެފައި ތިބި ދިވެހިންނަށް ވިސާ އިތުރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީ ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިމަހުގެ 23 އިން ފެށިގެން ތިން ހަފްތާއަށް އިނގިރޭސިވިލާތް ލޮކްޑައުން ކުރުމާއި ގުޅިގެން އެގައުމުގައި ތިބި ދިވެހިންގެ ތެރެއިން ވިސާ ހަމަވާ ފަރާތްތަކަށް ވިސާ އިތުކޮށްދޭން ނިންމައި އެގައުމުން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައިވާ ގޮތުން، އެގައުމުގައި އިއުލާންކޮށްފައިވާ ލޮކްޑައުން މުއްދަތުގައި ސަރުކާރުން އަންގާ އެންގުންތަކަށް އާންމުން އަމަލު ކުރޭތޯ ފުލުހުން ބަލާނެއެވެ. އަދި ބޭރަށް ނުކުމެ އުޅޭ މީހުން މަދު ކުރުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވުހާން ސިޓީން ފެތުރެން ފެށި ކޮވިޑް 19 ދުނިޔޭގެ އެހެން ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު އިނގިރޭސިވިލާތުގައި 8200 އަށްވުރެ ގިނަ މީހުންނަށް ވަނީ އެ ބަލި ޖެހިފައެވެ. އަދި އެބަލީގައި އެގައުމުން 433 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ.

އިނގިރޭސިވިލާތަކީ ކޮވިޑް 19 ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން 10 ވަނައަށް އެބަލީގެ އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާ ގައުމެވެ.