ޚަބަރު

މޭވާ އާއި ތަރުކާރީ ގެނައުމަށް ޝެޑިއުލް ކާގޯ ފުލައިޓުތަކެއް ބާއްވަނީ

އަލީ ޔާމިން

މޭވާ އާއި ތަރުކާރީ ގެނައުމަށް ޝެޑިއުލް ކާގޯ ފުލައިޓުތަކެއް ބާއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ފުލައިޓްތައް ކެންސަލްކުރުމާއެކު ބޭރުން ގެންނަ ތަރުކާރީ އާއި މޭވާ ގެނައުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ބޭނުންވާ ތަރުކާރީ އާއި މޭވާ ގެނައުމަށް ކާގޯ ޗާޓަރު ފްލައިޓްތަކެއް ބޭއްވުމަށް ވިސްނަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވިސްނުމެއް އެބަ ގެންގުޅެން ކާގޯ ޗާޓަރު ފްލައިޓްތަކެއް ބޭއްވުމަށް ހަފްތާއަކު ވަކި ދުވަސްތަކެއްގައި. ކިހާވަރެއްތޯ ރާއްޖެއަށް ބޭނުންވަނީ ބަލާފައި. ލަންކާއަށް މިހާރު ދެވޭނެ ކަމުގެ ޔަގީންކަން ސްރީ ލަންކާއިން ދީފި އިންޑިއާ އިން ވެސް ދީފި. ދެން އިންނާނީ ތައިލެންޑާއި ދުބާއީ. އެ ހަތަރުތަން އަޅުގަނޑުމެން ބަލަމުން މިދަނީ. ބަލާފައި ރަނގަޅަށް ވޮލިޔުމްއެއް ހަމަވީމަ ފްލައިޓެއް ބާއްވާނީ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިން ހައްދާ ތަކެތި ނުވިކި ހަލާކުވަމުންދާކަމުގެ ޝަކުވާ ވެސް ލިބެމުން އަންނަ ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް އެސްޓީއޯ މެދުވެރިކޮށް ހުރިހާ ދަނޑުވެރިން ހައްދާ ތަކެތި ތާޒާކޮށް ހުއްޓާ ގަނެވޭނެ ގޮތެއް ހަމަޖައްސަމުން އަންނަ ކަމަށެވެ.