އަލީ ޔާމިން
މިނިމަމް ވޭޖް ދިނުމުގައި ދިވެހިންނާއި ބިދޭސީންގެ މެދުގައި ފަރަގެއް ހުންނަން ޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ، މިނިމަން ވޭޖުގެ މައްސަލަ މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގައި ކަމަށާއި އެ ގާނޫނާމެދު ދެން މަޝްވަރާ ކުރާނީ މަޖިލީހުން އެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެއުމަށް ފަހުގައި ކަމަށެވެ. ނަމަވެސް މިނިމަމް ވޭޖު ދޭންފަށާއިރު އެންމެންނަށް ހަމަހަމަ އުސޫލުން ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
"ފުރަތަމަ ފަށާއިރުގައި އެންމެންނަށް ހަމަހަމަކޮށް ދެވޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ހިއުމަން ރައިޓްސް އޭންގަލަކުން ބަލަންޏާ މައްސަލަ ޖައްސާނެ އައިއެލްއޯއިން. އެހެން ނަމަވެސް ދިވެހިންނަށް މިދޭ މުސާރައާ އެއްވަރެއްގެ މުސާރައެއް ބިދޭސީންނަށް ދީފިއްޔާ ބޭރަށް މި ނުކުމެގެންދާ ޑޮލަރު އަޅުގަނޑުމެންގެ އިކޮނިމީގައި ނުހިފެއްޓޭނެ. އަޅުގަނޑުގެ ހުށަހެޅުމަކީ ދެ އަހަރެއްހާ ދުވަހުގެ މޮޑިޓޯރިއަމްއެއް ބޭރުގެ މީހުންނަށް ދިނުން،" ރައީސް ވިދާޅުވިއެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސާދު މިވަގުތު އޮތް ގޮތުން ބޭރު މީހުންނަށް މިނިމަމް ވޭޖު ދޭންޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ދެ ލައްކައަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު ވަޒީފާއެއް ނެތި، ވަޒީފާއެއް ހޯދަން އުޅެނީ 15،000 އާއި 20،000 އެއްހާ ދިވެހިން ކަމަށާއި އަދި އިތުރު 30،000 އެއްހާ ދިވެހިންނަކީ އެހާ ބޮޑަށް ވަޒީފާއެއް ހޯދަން ނޫޅޭ، ނަމަވެސް ބޭނުންވާ ވަރުގެ މުސާރައެއްގައި ބޭނުންވާ ވަޒީފާއެއް ލިބޭނަމަ ދާންތިބި މީހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ޖުމްލަ ބަލަމާ ހިނގާ އަޅުގަނޑުމެންގެ ވަޒީފާއަދާކުރަން ބޭނުންވާ 50،000 އެއްހާ ބޭފުޅުން މިތިބީ މިސާލަކަށް. ދެލައްކަ ކޮންމެވެސް ވަރެއް އެބަތިބި ބޭރު މީހުން. އެ ދެ ލައްކަ މީހުން ފޮނުވާލިޔަސް އަދި 50،000 މީހުން ލައިގެން އަޅުގަނޑުމެންގެ އިގްތިސާދެއް ކުރިއަކަށް ނުދޭ. އިގްތިސާދު ކުރިއަށް ގެންދަން ބޭނުންވާނަމަ އިތުރަށް އަދިވެސް މީހުން އެބަ ބޭނުންވޭ،" ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅަން ލަފާދީފައިވާ 6400 ރުފިޔާއަށްވުރެ ދަށުގައި ވަޒީފާ އަދާކުރަމުންދަނީ 120،000 އެއްހާ ބިދޭސީން ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނަކީ ކޮންސްޓުރަކްޝަން ދާއިރާގައި މަސައްކަތްކުރާ މީހުން ކަމަށެވެ.
ނަމަވެސް އެ ތަކުލީފާއެކު އެމީހުންގެ އާއިލާ ދޫކޮށް އެކަނި ރާއްޖެ އައިސް މަސައްކަތް ކުރާއިރު ބަންގުލަދޭޝްގައި އެމީހުންގެ އާއިލާއަކަށް ދިރިހުރެވޭވަރުގެ މިނިމަމް ވޭޖެއްގެ ގޮތުގައި ކަނޑައަޅާފައި މިއޮންނަނީ 94 ޑޮލަރު ކަމަށްވާއިރު މިތަނުގައި 180 ޑޮލަރަށް އެމީހުން މަސައްކަތް ކުރުމުން އެމީހުންނަށް ބޮޑު އަގެއް ލިބޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ 6400 ރުފިޔާގެ މިނިމަމް ވޭޖެއް ކަނޑައަޅައިގެންނެއް އެ މަސައްކަތްތަކަކަށްދާކަށް މާބައިވަރު ދިވެހިންތަކެއް ލިބޭނެ ކަމަކަށް. އަދި ރާއްޖޭގައި އުޅޭ ބިދޭސީންނަށް މިނިމަމް ވޭޖު ކަނޑައަޅަން އިގްތިސާދުގައި ވަރުހުރި ކަމަކަށް ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރަށް މިނިމަމް ވޭޖް ބޯޑުން ލަފާ ދީފައި ވަނީ 6،400 ރުފިޔާއެވެ. އަދި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދިނުމަށް ލަފާދީފައިވަނީ 8400-6400 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.