ޚަބަރު

ފިހުނު މީހާގެ ހާލު ރަނގަޅު: އާއިލާ

އަހުމަދު ޖައިޝަން

ތ. މަޑިފުށީ ތެޔޮބޯޓެއްގެ މަރާމާތުގައި އުޅެނިކޮށް ފިހުނު އިބްރާހީމް ބުޝްރީގެ ހާލު މިހާރު ރަނގަޅު ކަމަށް އާއިލާއިން ބުނެފި އެވެ.

މަޑިފުށީ ތެޔޮބޯޓެއްގެ މަރާމާތުގައި އުޅުނު މީހެއްގެ ގައިގައި އަލިފާން ރޯވެ ނުރައްކާތެރި ހާދިސާއެއް ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ. އޭނާއަށް ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސްފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެމުން ބުޝްރީގެ ދަރިފުޅު އަހުމަދު ނާހިދު ބުނީ އޭނާގެ ބައްޕަގެ ހާލު މިހާރު ވަރަށް ބޮޑުތަން ރަނގަޅު ކަމަށެވެ.

"މިހާރު ވާހަކަ ދައްކާ އަދި ކައިބޮއެވެސް ހެދޭ. ކުރިއަށްވުރެ ވަރަށް ބޮޑުތަން ހާލު ރަނގަޅު،" އޭނާ ބުންޏެވެ.

އައުޖީއެމްއެޗުގެ ސާޖިކަލް ވޯޑްގައި މިހާރުވެސް އޭނާއަށް ފަރުވާ ދެމުންދާއިރު އޭނާ ދޫކޮށްލާނެ ދުވަހެއް އަދި ނޭނގޭ ކަމަށް ނާހިދު ބުންޏެވެ.

މަޑިފުށީގެ ކައުންސުލްގެ ނައިބު ރައީސް އަހުމަދު އައްބާސް ކުރީން ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ދެމީހަކު ތެޔޮ ބޯޓެއްގައި މަސައްކަތް ކުރަމުން ގެންދިޔަ ވަގުތު ތެޔޮ ހޮޅިއަކުން ތެޔޮ ބުރައިގެން ކަމަށެވެ.

"އެކަކު ހުރީ ގްރޭންޑަރު ޖައްސައިގެން. އަނެކަކު މަސައްކަތް ކުރަމުން ގެންދިޔައީ ތެޔޮ ހޮޅިން. ގަޔަށް ތެޔޮ ބުރައިގެން އަލިފާން ރޯވީ. ސްޕާކެއް އުފެދިގެން އަސްލު އަލިފާން ރޯވީ،" އައްބާސް ވިދާޅުވިއެވެ.