ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުން މިވަގުތަށް ވާނީ މަޑުޖައްސާލާފައި: ރައީސް

އަލީ ޔާމިން

ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުން މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އަދިވެސް ބައެއް ސިޔާސީ މަގާމުތައް އެބަހުރި ކަމަށެވެ. ނަމަވެސް ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުން ވަގުތީ ގޮތުން ހުއްޓާލީ އިތުރު ބުރައެއް މިވަގުތު އުފުލުމަކީ ބަޖެޓަށް ބުރަ ބޮޑުވެގެން ދާނެ ކަމަކަށްވާތީ ކަމަށެވެ.

ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުން މަޑުޖައްސާލާފައިވާއިރު ކޮވިޑް 19އާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ވަނީ ނިންމައިފައެވެ.

އެގޮތުން ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މުސާރައިން 20 ޕަސެންޓް ކުޑަކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ހަރަދުތައް ކުޑަކޮށް އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ.

ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ، ހަރަދުތައް ކުޑަކުރި ނަމަވެސް ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.