ޚަބަރު

ފުޑް ސެކިއުރިޓީއާ ދޭތެރޭ ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭނެ: ރައީސް

ފުޑް ސެކިއުރިޓީއާ ދޭތެރޭ ރައްޔިތުން ކަންބޮޑުވާން ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެސްޓީއޯ އިން މާޗް މަހުގެ ތެރޭގައި ކާޑުގެ ބާވަތްތައް ވިކިފައިވާ އަދަދަށް ބަލާއިރު، ކޮންމެ ރަށެއްގައި ވެސް މިހާރު އިތުރު އެއް މަސްދުވަހަށް ވާވަރަށް ކާޑުގެ ސްޓޮކެއް ހުންނާނެ ކަމަށެވެ.

"އެސްޓީއޯ އިން މާޗް މަހުގެ ތެރޭގައި ކާޑުގެ ބާވަތްތައް ވިކިފައިވާ އަދަދަށް ބަލާއިރު، ކޮންމެ ރަށެއްގައި ވެސް މިހާރު އިތުރު އެއް މަސްދުވަހަށް ވާވަރަށް ކާޑުގެ ސްޓޮކެއް ހުންނާނެ. ފުޑް ސެކިއުރިޓީއާ ދޭތެރޭގައި ކުރިއަށްއޮތް ދިހަ މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ހަމަޖެހިލައިގެން ތިބެވޭނެ. ރައްޔިތުން އެއާ ދޭތެރޭގައި ކަންބޮޑުވާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެސްޓީއޯ އިން މިހާރު މަސައްކަތްކުރަމުން އަންނަނީ ދިހަ މަސްދުވަހަށް ވާވަރަށް ހަނޑޫ، ހަކުރު އަދި ފަސް މަސްދުވަހަށް ވާވަރަށް ފުށުގެ ސްޓޮކެއް އަންނަ އޭޕްރީލް 15ގެ ނިޔަލަށް ރާއްޖެއަށް ގެނައުމަށް ކަމަށާއި އަދި ރާއްޖެއަށް ބޭނުންވާ ތެލުގެ ބާވަތްތައް އެއްވެސް ދަތިކަމެއް ނެތި ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯ އިން ދޭ ކަމަށެވެ.