އަލީ ޔާމިން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ޕާސަނަލް، ހައުސިން އަދި ބިޒްނަސް ލޯނުތަކަށް ފައިސާ ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްފިއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ސަރުކާރުން ގެންގުޅޭ އިކޮނޮމިކް ޕްލޭންގެ ދަށުން ބީއެމްއެލުން ދޫކޮށްފައިވާ ޕާސަނަލް، ހައުސިން އަދި ބިޒްނަސް ލޯނުތަކަށް ފައިސާ ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ބީއެމްއެލުން މިއަދު ބުނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އެ ބޭންކުން ނަގާފައިވާ ލޯނުތަކުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް އަދަދު އަނބުރާ ދެއްކުމުގެ މުއްދަތު ހަ މަސް ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން މި މުއްދަތުގެ ލޯނުގެ އިންޓަރެސްޓަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވިގެންދާނެތީ، ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް ވެސް ހަ މަސް ދުވަސް އިތުރު ކުރެވިފައިވާ ކަމަށާއި އަދި ލޯނު ދެއްކުން ފަސްކުރާ ހަ މަހަށްފަހު، ޖެހިގެން އަންނަ ހަ މަސް ދުވަހުތެރޭ ކޮންމެ މަހަކަށް ދައްކަންޖެހޭ އަދަދު 20 އިންސައްތަ މަދުކޮށް ދެއްކުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުން ޕާސަނަލް، ހައުސިން، އަދި ބިޒްނަސް ލޯނުތައް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ހަ މަސް ދުވަހަށް ފައިސާ ދެއްކުން ފަސްކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް 1 މާޗް 2020 އިން ސެޕްޓެމްބަރު 2020ގެ ނިޔަލަށް އެ ފުރުސަތު ލިބޭނެ ކަމަށެވެ.
ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައެޅިފައިވާ ހަމައެކަނި ޝަރުތަކީ ލޯނަށް ގަވައިދުން ދައްކަންޖެހި، ނުދައްކާ ފައިސާއެއް ނެތުން ކަމަށާއި މިގޮތުން މާޗު މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައި ވެސް ލޯނުގެ ފައިސާ ފަހުން ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރަށް އެދެވޭނެ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ..
ބީއެމްއެލުން ބުނީ ދަައްކަންޖެހޭ ފައިސާ ފަސްކޮށްދިނުމުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ކްރެޓިޑް ކާޑާއި އޯވާޑްރާފްޓަށް ދައްކަންޖެހޭ ފައިސާ ނުހިމެނޭ ކަމަށެވެ. އަދި ލޯނު އަނބުރާ ދެއްކުން ފަސްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ހަ މަސް ދުވަހު ލޯނުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް މި ހަ މަސް ދުވަހު ދަައްކާކަށް ނުޖެހޭނެ ކަމަށާއި ނަމަވެސް ހަ މަސް ދުވަހު ލޯނުގެ އިންޓަރެސްޓަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވި ލޯނުގެ ބާކީ މުއްދަތުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން ދައްކަން ޖެހޭނެ ކަމަށެވެ.
ބީއެމްއެލުން ބުނީ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަށް ބަދަލެއް ގެނެވިފައިނުވާ ކަމަށާއި އެހެންކަމުން މިހާރު ވެސް ލޯނަށް ފައިސާ ދައްކަމުންދާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ލޯނަށް ފައިސާ ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.