ޚަބަރު

އައިއެމްއެފްގެ ލޯނެއް ނަގާކަށް ނުވިސްނަން: ރައީސް

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ލޯނެއް ނަގަން ނުވިސްނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އައިއެމްއެފުން ޕެކޭޖެއް ނެގުމުން ސަރުކާރު މުވައްޒަފުން މަދުކުރުމަށާއި މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް އެންގެވި ކަމަށާއި އެހެންކަމުން އައިއެމްއެފުން ލޯނެއް ނަގަން ނުވިސްނަވާ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ އައިއެމްއެފްގެ ލޯނެއް ނަގައިފިއްޔާ އަންނާނެ ރެސްޓްރިކްޝަން. ފުރަތަމަ އަންނާނެ ކަމަކީ ސަރުކާރުން މުވައްޒަފުން މަދުކުރަން. ކުރީ ފަހަރުވެސް އެބޭފުޅުން އެންގި. މުސާރަ ކުޑަކުރަން ވެސް އެބޭފުޅުން އެންގި. މިދަނޑިވަޅަކީ އެކަން ކުރަންވީ ވަގުތު ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންވީމާ އައިއެމްއެފްގެ އެ ޕެކޭޖާ އެއްގޮތަށް ލޯނެއް ނަގާކަށް އަދި އަޅުގަނޑު ނުވިސްނަން. އެހެންވީމާ ޕްރައިވެޓައިޒް ކުރުމުގެ ހިސާބަކަށް އަޅުގަނޑަށް ދާކަށް ނުޖެހޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވަމުންދާ ގެއްލުމުން އަރައިގަތުމަށް އެހީ ހޯދުމަށް ސަރުކާރުން އަންނަނީ ބޭރުގެ ގައުމުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ މަޝްވަރާކުރަމުންނެވެ.