ޚަބަރު

މިހާތަނަށް 50 ރިސޯޓު ވަނީ ބަންދުކޮށްފައި: ރައީސް

މިހާތަނަށް 50 ރިސޯޓު ބަންދުކޮށްފައިވާ ކަމަށާއި ރާއްޖެއަށް ފަތުރުވެރިން އައުން މަނާކުރުމާއެކު ކުރިއަށް އޮތް ތަނުގައި ހުރިހާ ރިސޯޓެއް ވެސް ބަންދުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށް، ބޯޑަރުތައް ބަންދުކުރަން ނިންމުމާ ގުޅިގެން ކުރިއަށްއޮތް ހަފުތާއެއް، ދެ ހަފުތާ ތެރޭގައި ރާއްޖޭގެ ހުރިހާ ރިސޯޓެއް ބަންދުވެގެންދާނެ ކަމަށެވެ.

"މިހާތަނަށް 50 ރިސޯޓު ވަނީ އޮޕަރޭޝަންތައް ސަސްޕެންޑްކޮށްފައި. މިއަދު މި އިއުލާންކުރި އިއުލާންކުރުމާ ގުޅިގެން ހުރިހާ ރިސޯޓެއް ކުރިއަށްއޮތް ހަފުތާއެއް، ދެ ހަފުތާ ތެރޭގައި ބަންދުވެގެންދާނެ. ޓޫރިސްޓުން ނާންނަންޏާ އެ ތަންތަނެއް ނުހިންގޭނެ. އެހެންވީމާ ރާއްޖޭގެ ހުރިހާ ރިސޯޓެއް، ހުރިހާ ހޮޓަލެއް ކުޑަ ވަގުތުކޮޅަކަށް ބަންދުވުމަކަށް މި އަންނަނީ. މި ގަޑީގައި އަޅުގަނޑުމެން މިކަން ކުރަން އެބަޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަން ރަނގަޅަށް ކުރެވިއްޖެއްޔާ އަހަރު ނިމޭ ތަނުގައި ފެންނަނީ އުޖާލާކޮށް ކަމަށެވެ. އަދި ރާއްޖޭގެ ރިސޯޓްތަކުން ވެސް އެހެން ވިޔަފާރިތަކުން ވެސް މުވައްޒަފުން ވަކިނުކުރުމަށް ރައީސް ވަނީ އިލްތިމާސްކޮށްފައެވެ.