އިމަޖެންސީކޮށް ގެންނަން ޖެހުނީމަ ރާއްޖެއަށް ބޭނުންވާ ތަކެތި ޗައިނާ އިން ގެނެސްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޗައިނާ ސަރުކާރުން ދޭ އެހީ ތައްޔާރުވެފައި ހުރި ކަމާއި އެކަމަކު ޓްރެވަލް ރެސްޓްރިކްޝަންތަކެއް ހުރުމާއެކީގައި މިވަގުތު އެ ގެނެވޭނެ ގޮތެއް ނެތް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޮންގް ވިދާޅުވެފައިވާ ކަމަށެވެ.
"ޗައިނާ ސަރުކާރުން ދޭ އެހީ ތައްޔާރުވެފައި ހުރި ކަމާއި އެކަމަކު ޓްރެވަލް ރެސްޓްރިކްޝަންތަކެއް ހުރުމާއެކީގައި އެ ގެނެވޭނެ ގޮތެއް، މި ހިސާބަށް ފޯރުވައިދެވޭނެ ގޮތެއް ނެތް ވާހަކަ ވިދާޅުވި. އަޅުގަނޑު ގަބޫލުކުރަނީ ޗައިނާއިން އެ އެހީ އަޅުގަނޑުމެންނާ ހިސާބަށް އިމަޖެންސީކޮށް ގެންނަން ޖެހުނީމަ އެބޭފުޅުން ފުލައިޓެއް ވެސް ފޮނުވާނެ. އެހެން ގައުމުތަކަށް ވެސް އެބޭފުޅުން ފޮނުއްވި. އެހެންވީމާ އަޅުގަނޑުމެން އިމަޖެންސީ ހާލަތެއްގައި އެހީ ބޭނުންވާ ހާލަތަށް ދިޔައީމަ ޗައިނާއިން ގެނެސްދޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް އަލީބާބާގެ ސީއީއޯ ޖެކް މާ ދެއްވާ އެހީއެއް ވެސް މާދަމާ ސިންގަޕޫރާ ހިސާބަށް އަންނާނެ ކަމަށް ޗައިނާގެ ސަފީރު ވިދާޅުވެފައިވާ ކަމަށެވެ.