ޚަބަރު

ވިޔަފާރިތައް ހަމަޔަކަށް އެޅުވުމަށް އަހަރެއްހާ ދުވަސް ނަގާނެ: ރައީސް

ވިޔަފާރިތައް ހަމަޔަކަށް އެޅުވުމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވިޔަފާރިތަކުން މިވަގުތު ރަނގަޅުވާނީ ސަރުކާރުން ދޭ އެހީ ހޯދުން ކަމަށާއި އެ ހޯދައިގެން އަލުން ވިޔަފާރި ރަނގަޅުކުރުން ކަމަށެވެ.

"މުޅިން ހަމައަކަށް އެޅޭނެ ކަމަށް މި ގަބޫލުކުރެވެނީ އަހަރެއްހާ ދުވަސް މިކަމުގައި ދާނެ. އެހެންވީމާ އަޅުގަނޑުމެން ބޭންކު މެދުވެރިކޮށް މި ދޭ ފެސިލިޓީތަކަކީ ހުރިހާ ވިޔަފާރިތަކަށް ހުޅުވާލެވިގެން ދޫކުރާ ފެސިލިޓީއެއް. އަދި އެސްޑީއެފްސީ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން އަޅުގަނޑުމެން އެބަ ދޫކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން ގެއްލުންވެފައިވާ ވިޔަފާރިތަކަށް އެހީވުމުގައި ވަކި ވިޔަފާރިތަކެއް އިސްތިސްނާ ނުކުރައްވާނެ ކަމަށެވެ.